ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.
އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުގެ އިއުލާނުގައި އެދިފައި ވެއެވެ. އަދި މި މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމަށް އެދިފައި ވަނީ މި މަހު 27 ގެ ކުރިންނެވެ.
މަނަދޫގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި ވާއިރު ފުރަތަމަ ފިޔަވަހީގައި ރަށުގެ ބަނދަރާއި ކައިރި ސަރަހައްދުތަކުގައި ކެމެރާ ހަރުކުރާނެ އެވެ.
އަދި ދެން އޮތް ފިޔަވަހިތަކުގައި ރަށުގެ އިތުރު އެހެން ތަންތަނުގައި ކެމެރާ ހަރުކުރާނެ އެވެ.
މަނަދޫ ކައުންސިލުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ސީސީޓީވީ ހަރުކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައި ވާއިރު، މިދިޔަ ހުކުރު ދުވަހު އެ ރަށުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ދުވަސްވީ އަންހެނަކު ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް