ރާއްޖެއާ ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމަށް މަޝްވަރާ ކޮށްފި

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެމަގުން އަލުން ސީދާ ދަތުރުތައް ފަށަން ދެ ގައުމުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ...

09 Apr 2023 | 10:56

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެމަގުން އަލުން ސީދާ ދަތުރުތައް ފަށަން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ނައިބު ރައީސާއި، ޕާކިސްތާނުގެ ސަފީރު ވަނީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ޤައުމުން ގެންގުޅޭ އެއްކަހަލަ ޤަބޫލުކުރުންތަކާއި އުޞޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ.

އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމްކުރުމާއި، ފަތުރުވެރިކަމާއި ސަޤާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތަޢުލީމްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވިއެވެ.

ހަމަ އެއާއެކު ދެ ޤައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމް.އޯ.ޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެޤައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާލަތު އޮޅުންފިލުއްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވެވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް