ދެ ދަރިންނާއި އެކު މަގުމަތިވެފައިވާ އަންހެނަކަށް އެހީ ހޯދުމަށް މަންމައިން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ "މަންމްސް އެއިޑް" އިން މަސައްކަތް ފަށައިފި އެވެ.
އެ އަންހެން މީހާ ދިރިއުޅެމުން ދިޔައީ ކުރީގެ ފިރިމީހާ ގޭގައި އެ ތިން މައިން ދިރިއުޅުމަށް ދީފައި ހުރި ކޮޓަރިއެއްގައި އެވެ. ހާލުގައި ޖެހުނީ ކުއްލިއަކަށް ތަޅު ބަދަލުކޮށް ތިން މައިންނަށް ކޮޓަރިއަށް ނުވަދެވޭ ގޮތް ހެދުމުންނެވެ.
އެ ޖަމިއްޔާއިން ބުނީ އެމީހާ އޭގެ ފަހުން އުޅުނީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ކަމަށެވެ. ދެ ކުދިންނާއި އުޅޭ އެކޮޓަރިއަށް ފައިސާ ދައްކަމުން ދިޔައީ ރޮށި ފިހެދީގެން ލިބޭ ފައިސާއިން ކަމަށް ބުނެފައިވެ އެވެ.
އެ ތިން މައިންނަށް އެހީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ކޮޓަރިންވެސް އެމީހުން ނެރުމުންނެވެ. އެ އާއިލާގެ ހުރިހާ ތަކެއްޗެއްވެސް މިހާރު ހުރީ މަގުމަތީގައި އެވެ.
އަންހެން މީހާ އާއި ހަވާލާދީ ޖަމިއްޔާއިން ބުނީ މި ހާލަތާއި ގުޅިގެން ދަރިން ސްކޫލަށް ނުފޮނުވޭތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި މައްސަލަ ޖެންޑާ އާއި ފުލުހުންނަށް ހުށަހެޅުމުންވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މަމްސް ޖަމިއްޔާއިން މަސައްކަތް ކުރަނީ އެ ތިން މައިންނަށް ބޯހިޔާވަހި ކަމެއް ހޯދައި ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް