ނ. މަނަދޫގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ނައީމާ މޫސާގެ މަރާއި ގުޅިގެން ފަޅު ގެއެއް ބަލައި ފާސް ކުރަން ފަށައިފި އެވެ.
ނައީމާ މަރާލާފައި އޮއްވަ ފެނުނީ ހަބަރެއް ނުވެގެން ހޯދާތާ ދެ ދުވަސް ފަހުން އާއިލާއިން ރިޕޯޓުކޮށްގެން ފުލުހުން ގޮސް އޭނާ ދިރިއުޅޭ ގެއަށް ވަދެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަތް އިރު އެވެ. އޭނާގެ ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު ވަޅުލާފައިވަނީ އިއްޔެ ހަވީރު އެވެ.
އޮންލައިން ނޫސް "މިހާރު" އަށް މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު މިއަދު ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގަ ފުލުހުން މިއަދު ހެނދުނުން ފެށިގެން ފަޅު ގެއެއްގެ ތެރޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ނ. އަތޮޅު ހޮސް؛ިޓަލް ކައިރީގައި ހުންނަ އެ ފަޅުގެއަކީ މީގެ ކުރިން މީހުން އުޅުނު ގެއެކެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޭ މީހުން ދިރިއުޅެނީ މަނަދޫގެ އެހެން ގެއެއްގައި އެވެ. މި ބަލާ ފާސް ކުރުމާއި ގުޅޭގޮތުން އޭނާ އިތުރު މައުލޫމާތު ދެއްވާފައި ނުވާއިރު ފުލުހުންވެސް ރޭގެ ފަހުން މަރާއި ގުޅޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ނައީމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނަހަދައި ވަޅުލުމުގެ ހުއްދަ ދިނީ އިތުރަށް ޕޯސްޓްމޯޓަށް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން އެ ރަށަށް ގޮސް، މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު މަރާއި ގުޅިގެން ހައްޔަރުކޮށްފައި ނުވެ އެވެ.
އެ މައްސަލަ ނިމެންދެން، ކައުންސިލްގެ ހުއްދަ ނެތި އެ ރަށަށް އަރައި، ފޭބުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް