ކުރުވާހަކަ: ހިތް ދޫވުމުން

ބްރޭކް ވޯޓާ ރެސްޓޯރެންޓްގެ ތެރޭގައި ރައްޓެހިންނާއި އެކު ނާފިޒް އިނީ ކޮފީބޯށެވެ. ރައްޓެހިންގެ މަޖާ އޮލަ ވާހަކަތަކަށްވުރެ ނާފިޒްއަށް ސަމާލުކަން ދެވުނީ އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އެކަނި މާއެކަނި އިށ...

09 Apr 2023 | 04:16

ބްރޭކް ވޯޓާ ރެސްޓޯރެންޓްގެ ތެރޭގައި ރައްޓެހިންނާއި އެކު ނާފިޒް އިނީ ކޮފީބޯށެވެ. ރައްޓެހިންގެ މަޖާ އޮލަ ވާހަކަތަކަށްވުރެ ނާފިޒްއަށް ސަމާލުކަން ދެވުނީ އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އެކަނި މާއެކަނި އިށީނދެއިން އަންހެން ކުއްޖާއަށެވެ. އެކުއްޖާގެ ރީތި ކަމަށެވެ. ޕާކިސްތާނު ހެދުމެއްގައި ހުރި އެކުއްޖާއަކީ ފެންނަ ފެނުމަށް ވަރަށް ސާދާ ކުއްޖެކެވެ. ފުރަގަހަށް ދޫކޮށްލާފައިވާ އޭނާގެ ދޯޕައްޓާ އިށީނދެއިން ގޮނޑީގެ ފުރަގަހުން ބިންމަތީގައި ޖެހިފައި އޮތެވެ. ނުއައްސައި ދޫކޮށްލާފައިވާ އޭނާގެ ފަން އިސްތަށިގަނޑު ވައިގެ ތެރޭގައި ދިޔައީ ވިހުރުވެމުންނެވެ. އޭރު އޭނާ ދިޔައީ އޭނާގެ ފޯނުން ބީޗުގައި ތިބި ބައެއް ކުޑަކުދިންގެ ފޮޓޯ ނަގަމުންނެވެ.

ނާފިޒަކަށް ގޮނޑީގައެއް ނުއިނދެވުނެވެ. ރައްޓެހިންގެ މަޖާ ވާހަކަތައް ދޫކޮށް އޭނާ ތެދުވިއެވެ. މޭޒުމަތީ އޮތް އޭނާގެ ކެނަން ޑިޖިޓަލް ފޮޓޯ ކެމެރާ ނަގައި ކޮނޑުގައި އަޅުވާލިއެވެ. އަދި ހިނގައި ގަތެވެ. ކޮފީޓޭބަލްގައި އޭނާއާއި އެކު ދެންތިބި ރައްޓެހިން ނާފިޒް ދަނީ ކޮންތާކަށްތޯ އެހުމުން އޭނާ ހީލީއެވެ. އެބަ އަންނަމޭ ބުނެފައި ނާފިޒް ހިނގައި ގަތީ ބީޗުގެ ފަސްގަނޑާއި ދިމާއަށެވެ.

ނާފިޒް ގޮނޑު ދޮށަށް ފޭބުމަށްފަހު، ރާޅުޖަހާ ފަށުގައި ދުވެދުވެ އުޅޭ ކުދިންގެ ފޮޓޯ ނަގަން ފެށިއެވެ. އޭނާގެ އަސްލު މަޤުޞަދަކީ، އެކުދިންގެ ފޮޓޯ ނެގުމެއް ނޫނެވެ. ބީޗުގެ ގޮނޑިއެއްގައި ރީތި ޒުވާން އަންހެން ކުއްޖާގެ ފޮޓޯ ނެގުމެވެ. އޭނާގެ ރީތި މޫނު ފެނުމުން ނާފިޒް އާޝޯޚް ވިއެވެ. އެންމެ ފަހުން އޭނާގެ ކެމެރާގެ ލެންސް އެކުއްޖާއަށް ސީދާކޮށްލިއެވެ. އަދި ފޮޓޯ ނަގަން ފެށިއެވެ.

އެކުއްޖާ ގޮނޑިން ތެދުވިއެވެ. ނާފިޒް އެނަގަނީ އޭނާގެ ފޮޓޯކަން އެނގުނީއެވެ. ދެފަރާތް ބަލާލުމަށްފަހު އޭނާ ހިނގައި ގަތީ ސީދާ ނާފިޒް އާއި ދިމާއަށެވެ. ނާފިޒްގެ މޭތެޅި ގަތެވެ. އަތްފައި ތުރުތުރު އަޅާހެން ހީވިއެވެ. އޭނާގެ ފޮޓޯ ނެގުމުން ނުރުހުނީ ކަމުގައި ނާފިޒަށް ޔަޤީންވިއެވެ.

އެކުއްޖާ އައި ގޮތަށް އައިސް ހުއްޓުނީ ނާފިޒްގެ ކުރިމައްޗަށެވެ. އަދި ވާހަކަދައްކަން ފެށީ އިނގިރޭސި ބަހުންނެވެ. އޭނާ އެދުނީ އޭނާގެ ފޮޓޯ ނުނެގުމަށެވެ. ނެގި ފޮޓޯތައް ޑިލީޓް ކުރުމަށެވެ. ނާފިޒްއަށް ހަމައެކަނި ބޯޖަހާލެވުނީއެވެ. އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

އެއަންހެންކުއްޖާ އެނބުރި ގޮސް ގޮނޑީގައި އިށީނުމުން ނާފިޒްވެސް ގޮސް ކޮފީޓޭބަލްގައި އިށީނެވެ. މަންޒަރު ބަލަން ތިބި ރައްޓެހިން ނާފިޒްއާއި ދިމާކުރަން ފެށިއެވެ. މަލާމާތްކޮށް ހޭންފެށިއެވެ. ނާފިޒަށް އެ ސަމާސާ ކަމަކު ނުދިޔައެވެ. އޭނާ ރުޅި އަންނަ ގޮތްވިއެވެ.

"ޔާޝާ، އާދޭ ދާން" ސްލައިޑް ކައިރީގައި ކުޑަކުއްޖަކު ގޮވައިގެން ހުރި އެހެން އަންހެން ކުއްޖަކު އިނގިރޭސި ބަހުން ގޮވާލީ ގޮނޑީގައި އިށީނދެއިން އަންހެން ކުއްޖާއަށެވެ. އޭނާ ތެދުވެގެން ދާންދެން ނާފިޒް ކަޅިޖަހާ ނުލައި އިނީ ބަލަހައްޓައިގެންނެވެ.

ގެއަށް އައިގޮތަށް ކޮޓަރިއަށް ވަދެ ލެޕްޓޮޕާއި ކެމެރާ ހިފައިގެން ނާފިޒް އެނދުމަތީގައި ބަންޑުން އޮށޯތީއެވެ. ފޮޓޯތައް ލެޕްޓޮޕަށް ކޮޕީ ކުރަމުން ދިޔައިރު އޭނާ އޮތީ ޔާޝާގެ ފޮޓޯއަށް ބަލާށެވެ. ހިތްކަތިލާ ފަދަ ރީތި ކަޅިރަވަ އެކެވެ. ދޮންމޫނުގައި ވާ ކަޅުކަން ގަދަ ދެބުމައާއި ލޭކުލައިގެ ތުނި ތުންފަތުން އޭނާގެ ރީތިކަން އިންތިހާއަށް އިތުރު ވެފައިވެއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑާއި އެކު އޭނާގެ ރީތި މޫނު ފެންނަނީ ކަޅުވިލާގަނޑުގެ ތެރެއިން ފާޅުވާން ހުރި ސޯޅަ ވިލޭރޭގެ ހަނދުހެންނެވެ. އޭނާގެ ބަލައި ފޫހި ނުވާ ރީތި ކަމަކީ ގަލަމަކަށް ދުލަކަށް ބަޔާންކޮށްދެވޭ ވަރުގެ ކަމެއް ނޫނެވެ.

ޔާޝާގެ ފޮޓޯއަށް ހިތްދޫކޮށްލައިގެން ނާފިޒް އޮތެވެ. ފުރަތަމަ ނަޒަރުން ލޯބިވެވޭ ކަމުގައި ލިޔެފައި ހުންނާތީ އޭނާއަށް ފެންނަނީ ފޮތްތަކުގައެވެ. އެއީ ހަޤީޤަތެއްކަމުގައި އޭނާއަށް މީގެ ކުރިން ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު ޔާޝާ ފެނުނު ފުރަތަމަ ވަގުތުން ފެށިގެން ބަޔާންކޮށްދޭން ނޭނގޭ އާދަޔާ ޚިލާފް އިހްސާސެއް އޭނާއަށް ކުރެވެން ފަށައިފިއެވެ. އެއީ ލޯބި ނޫން ދެވަނަ އެއްޗެއް ނޫނެވެ. އެކަމަކު ކުއްލި އަކަށް ނާފިޒްގެ ހިތަށް ބިރުވެރިކަމެއް ވަދެއްޖެއެވެ. އެއްވެސް މީހަކަށް އެމީހެއްގެ އަލަތު ލޯބި ހާސިލް ނުވާކަމުގައި މީހުން ބުނާ އަޑު އިވޭތީ އާއި ފޮތް ފޮތުގައި އެވާހަކަތައް ލިޔެފައި ހުންނާތީއެވެ.

އެރޭ ނާފިޒަކަށް ނުނިދުނެވެ. އޭނާގެ ހިތް އެދި ގޮވަނީ ޔާޝާގެ ގާތަށް ދިޔުމަށެވެ. އޭނާއާއި ވާހަކަ ދައްކާލުމަށެވެ. އެކަމަކު ޔާޝާ ހޯދަން ދާނެ ތަނެއް އޭނާއަކަށް ނޭނގެއެވެ. އެނގެނީ ހަމައެކަނި ނަމެވެ. އޭނާގެ ފިނޑިކަމުންނާއި ލަދުރަކި ކަމުން ޔާޝާކުރެން އަހާލާން ހަނދާނެތީކީ ނޫނެވެ. ހަމަ އެހެން ދިމާވާ ފިރިހެނަކަށް އަންހެންކުއްޖަކު އޭނާގެ މައުލޫމާތާއި ގުޅޭނެ ނަމްބަރު ނުދޭނެ ކަން ޔަޤީން ވަނީއެވެ.

އެދުވަހަށް ފަހު ނާފިޒް މަގުމައްޗަށް ނުކުމެވޭ ކޮންމެ ފަހަރަކު، ޔާޝާ ފެނޭތޯ ބަލައެވެ. ބައެއް ފަހަރު މަގުމަތީން ޕާކިސްތާނު ހެދުމުގައި އަންހެން ކުއްޖަކު ފެނިއްޖެ ނަމަ އެކުއްޖަކަށް ޚާއްސަ ސަމާލުކަމެއް ނާފިޒަށް ދެވެމުން ދިޔައެވެ. އިޚްތިޔާރަކާއި ނުލައެވެ. މަގުމަތިން ޕާކިސްތާނު ހެދުމުގައި އަންހެން ކުއްޖަކު ފެނިއްޖެނަމަ އެއިން ކޮންމެ ފަހަރަކުވެސް ނާފިޒްގެ ހިތުގެ ވިންދު އަވަސް ވެގެންދެއެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. ނާފިޒަށް އެދުވަހަށް ފަހު ޔާޝާއެއް ނުފެނުނެވެ. އެހެން ނަމަވެސް އޭނާ އާއި މެދު ޚިޔާލު ކުރުމާއި ފިކުރު ކުރުން ނާފިޒަކަށް ދޫކޮށެއް ނުލެވުނެވެ. އޭނާގެ ކޮޓަރީގައި ބޮޑެތި ފްރޭމްތަކުގައި ހުރީ އެދުވަހު ނާފިޒް ނެގި ފޮޓޯތަކެވެ. ބައެއް ފަހަރު ނާފިޒް އެފޮޓޯތަކާއި ބައްދާލައެވެ. ވާހަކަ ދައްކައެވެ. ތެދެކެވެ. ނުވެސް ދަންނަ އަދި އެންމެ ފަހަރަކު ލޮލަށް ފެނުނު އަންހެން ކުއްޖަކަށް ނާފިޒްގެ ހިތްދޫވީއެވެ. އޭނާގެ އިޚްތިޔާރެއް އެކަމުގައި ނެތީއެވެ.

ނާފިޒަކީ ފެމިލީ ކޯޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ކައިވެންޏާއި ވަރީގެ ސެކްޝަންގައި އޭނާގެ ޒިންމާތައް ބޮޑެވެ. އެކަމަކު ޔާޝާގެ ލޯބީގައި އޭނާ ދީވާނާވެ އާވާރާ ވަމުން ދިޔަވަރަކަށް މަސައްކަތަށް ދިޔައީ ފަރުވާކުޑަކުރެވެމުން ނެވެ. ވަޒީފާއަށް ސަލާމްބުނެވޭ ދުވަސްތައް ދިޔައީ އިތުރުވަމުންނެވެ. ވާނީވެސް އެހެންނެވެ. ގިނަރޭރޭ އޭނާ ފަތިސްވާންދެން އޮންނަނީ ޔާޝާގެ ފޮޓޯތަކަށް ބަލާށެވެ. އެފޮޓޯތަކާއި ވާހަކަ ދައްކާށެވެ. ދެކޭ މީހުންނަށް އެމަންޒަރުތައް ފެންނަނީ މޮޔަކަމެއްގެ ގޮތުގައެވެ. ބައެއް ފަހަރު ނާފިޒްގެ ހިތަށްވެސް އެހެން އަރައެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ޔާޝާ އާއި ބައްދަލުވާނެ ކަމުގައި އޭނާގެ ހިތް ބުނެދެނީއެވެ.

އެއީވެސް ނާފިޒަށް ވަރަށް ލަހުން ނިދުނު ރެއެކެވެ. ނިދި ހުރިވަރުން އޮފީހަށް ނުގޮސް ނާފިޒް ސަލާމް ބުނީއެވެ. ނާފިޒް ސަލާމް ބުނުމަކީ އެ ސެކްޝަންގައި ނާފިޒާއި އެކު މަސައްކަތްކުރާ މުވައްޒަފުންނަށް އާކަމެއް ނޫނެވެ. އެހެން ނަމަވެސް ނާފިޒް ފަށާފައި ހުރި ބައެއް މަސައްކަތްތައް ހުރުމާއި އެކު ސަލާމްބުނި، ނަމަވެސް ބައެއް ދުވަސް ދުވަހު ނާފިޒް އޮފީހަށް ނުކުންނަން ޖެހެއެވެ.

ނާފިޒަށް ހޭލެވުނީ 12:30 ހާއިރު ކެނޑިނޭޅި އޭނާގެ މޮބައިލް ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އޮފީހުންނެވެ. ނާފިޒް ފޯނު ނެގިއެވެ. އޭނާ އާއި ވާހަކަދެއްކީ އޭނާ އާއި އެއްސެކްޝަނެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. 13:00 ގައި ކުރަން އޮތް ކައިވެނިތަކެއްގެ ފޯމްތައް ހުރި ފައިލިންގެ ކެބިނެޓްގެ ތަޅުދަނޑި ނުފެނުމުންނެވެ. އެތަޅުދަނޑި ކޮބައިތޯ ބެލުމަށެވެ. އެތަޅުދަނޑި އޮތީ ނާފިޒްގެ މޭޒުގެ ވަތްގަނޑުގައި ކަމުން ނާފިޒަށް އޮފީހަށް ނުގޮސް ވާންނެތީއެވެ.

ފެންވަރާ ރީތިވެލައިގެން އަވަސް އަވަހަށް ނާފިޒް ސައިކަލުގައި އޮފީހަށްދާން ނުކުތެވެ. ފެމެލީކޯޓުގެ ދޮރުކައިރިން ޕާކިންގ އޭރިޔާގައި ސައިކަލް ޕާކުކޮށްފައި ދުވެފައި ކަހަލަގޮތަކަށް ނާފިޒް ދިޔައީ ކޯޓަށް ވަންނާށެވެ. އެކަމަކު އޭނާ ހުއްޓެން ޖެހުނީ ކޯޓު ދޮރުމައްޗަށް މަޑުކޮށްލި ޓެކްސީގެ ސަބަބުން މަގު ބަންދުވުމުންނެވެ.

ޓެކްސީން ފޭބީ ޔާޝާއެވެ. ނާފިޒްގެ ހިތް ހުއްޓުނު ކަހަލައެވެ. ދެފައި ގަނޑުވި ކަހަލައެވެ. ކުރިޔަށް އެންމެ ފިޔަވަޅެއްވެސް އަޅާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ދެލޯ ފެންކަޅިވިއެވެ. އެދުވަހު ފެނުނު އިރަށްވުރެވެސް މިހާރު ޔާޝާ ރީއްޗެވެ. ފުރިހަމައެވެ. ކައިވެނީގެ ހުދު ހެދުމުގައި ރީތި ކުއްޖަކު އަދި ކިހާ ރީތިވާނެ ހެއްޔެވެ؟

ޔާޝާގެ ފަހަތުން ފޭބި ފިރިހެން ކުއްޖާފެނިފައި ނާފިޒް އަދި މާދެރަވެއްޖެއެވެ. އެއީ އޭނާގެ ކުލާސްމޭޓެކެވެ. ރިޒާއެވެ. ކިޔަވަން އުޅުނު އިރު ނާފިޒާއި ދިމާކޮށް ބުލީ ކުރުމުގައި އެންމެ ކުރީގައި ހުންނާނީ އޭނާއެވެ. ނާފިޒްގެ ލަދުރަކި ކަމާއި ފަސްޖެހުންތަކުގެ ސަބަބުން އެމީހުން ނާފިޒަށް ހަދާނީ ހަދާނެ ގޮތެކެވެ. ނާފިޒް އިންޓަވަލަށް ގެންދާ ލާރިން އިންޓަވަލް ބޯނީ އެމީހުންނެވެ. ނާފިޒް ހުންނަން ޖެހޭނީ ބަނޑަށެވެ. އެމީހުން އައީ ނާފިޒްގެ ކޮންމެ އުފަލެއް ފޭރެމުންނެވެ. ކިޔަވައި ނިމި އެތައް އަހަރަކަށް އެމީހުން އެކަކަކު އަނެކަކަށް ގެއްލިފައި ވިޔަސް އަނެއްކާވެސް ރިޒާ ނާފިޒްގެ ކުރިމައްޗަށް އެއައީ އޭނާގެ އެންމެ ބޮޑު އުފާ ފޭރިގަނެގެންނެވެ. ނާފިޒްގެ ހިތް ބުނަނީ އެހެންނެވެ.

ނާފިޒް ފެނިފައި ޔާޝާ ހިނިތުންވިއެވެ. އަދި ބަލާލިއެވެ. މާނަވީ ބެލުމަކުންނެވެ. ހީވަނީ އަހަރެން ހޯދަން ނައީ ކީއްވެހޭ ޔާޝާ ބުނާ ހެންނެވެ. ރިޒާ ނާފިޒާއި އަނގައިވެސް ނުބުނެ ހިނގައިގަތެވެ. އޭނާ ނާފިޒަށް ބަލާލި ގޮތުންވެސް ނާފިޒަށް ހީވީ ކުރީ މަލާމާތެއް ހެންނެވެ. ރިޒާ އާމުކޮށް އޭނާ އާއި ދިމާއަށް ބުނާ ޖުމުލަ ތިޔައީ ރަނޑެކޭ ބުނީ ހެންނެވެ.

އެމީހުންގެ ފަހަތުން ނާފިޒްވެސް ކޯޓަށް ވަންނަން ހިނގައިގަތެވެ. ލިޔުންތައް ހަމަކޮށްދީ ކައިވެނިތައް ކުރެވޭ ހޯލަށް އެއްޗެހިތައް ސެކްޝަންގެ އެހެން ކުއްޖަކާއި ހަވާލުކޮށް ފޮނުވައި ދިނުމަށްފަހު ނާފިޒްވެސް އެހޯލަށް ދިޔައެވެ. އެހެން ކަމަކު ނޫނެވެ. ޔާޝާ ދެކިލާށެވެ. އެންމެ ފަހު ފަހަރަށެވެ.

ކައިވެނީގެ މަޖިލިސް ފެށުމާއި އެކު ނާފިޒް ހޯލުން ނުކުތެވެ. އޭނާގެ ހިތާ ފުރާނައަށްވުރެވެސް ލޯބިވާ ޔާޝާ އެހެން މީހަކާއި އަދި ޚާއްސަކޮށް އޭނާއަށް އެންމެ މަލާމާތްކުރާ މީހާ އާއި ކައިވެނިކުރާތަން ދެކޭނެހައި ހިއްވަރު ނެތިގެންނެވެ. ކޯޓުގެ ފެންޑާގައި ހުރި ތަނބެއްގައި ލައްވެގެން ނާފިޒް ހުއްޓެވެ. އޭނާ ދެލޯމަރާލައިގެން ހުރީ ލިބިފައިވާ ހިތްދަތިކަމުގެ ސަބަބުންނެވެ. ހިތަށް ކުރަމުންދާ އަސަރުގެ ސަބަބުންނެވެ.

މީހަކު ކައިރީގައި ހުއްޓިފައި ކަރު ކެހިލިއަޑަށް ނާފިޒް ދެލޯ ހުޅުވާލިއެވެ. އެވަގުތު ލޮލުން ފޭދިގެން ދިޔަ ކަރުނަތައް ނާފިޒް އަތުގެ ނުފުށުން ފޮހެލިއެވެ. ކުރިމަތީގައި ހުރީ ޔާޝާއެވެ. ނާފިޒް ހައިރާންވިއެވެ. އޭނާގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ޔާޝާ ދިއްކޮށްލި ދައުވަތު ކާޑުގައި ހިފަން ނާފިޒަށް ހޭވެރިކަމެއްވެސްވީ އޭގައި ނުހިފާނަންތޯ ޔާޝާ އެހުމުންނެވެ.

"އަހަރެންނަށް ވަރަށް ގިނައި ހުވަފެނުން ފެނޭ ނާފިޒް އަހަރެން ހޯދަން އުޅޭތީ" ޔާޝާ ބުނި ޖުމުލަ އަޑު އިވިފައި ނާފިޒްގެ އަތް ތުރުތުރު އަޅައިގަތެވެ. އޭނާގެ އަތުން ކާޑުވެސް ދޫނުވީ ކިރިޔާއެވެ.

އެވަގުތު އެދިމާއަށް ރިޒާއާއި އެއާއިލާގެ އެހެން ބައެއް މީހުން އަންނަތަން ފެނިފައި ޔާޝާ ހިނގައިގަތީ އެދިމާއަށެވެ. އެމީހުންނާއި އެކު ޔާޝާ ގޮސް ކާރަށް އަރަންދެން ނާފިޒް ހުރީ ބަލަހައްޓައިގެންނެވެ. ރޮވިފައެވެ. އޭނާގެ ހިތް އޭނާގެ އަތުން ވަނީ ދޫވެފައެވެ. އެހިތަކަށް އޭނާގެ ބާރެއް ނުފޯރައެވެ.

ޓެކްސީ ގޮސް ލޯމަތިން ގެއްލުމުން ނާފިޒް ކާޑަށް ބަލައިލިއެވެ. އޭގައި ރިޒާ ވެޑްސް ޔާޝާ ޖަހާފައިވާތަން ފެނުމުން ނާފިޒްގެ ހިތުގައި އުފެދުނީ ރުޅިވެރިކަމެވެ. ދަތްކުނޑިވިކާފައި އަތަށް ލެވުނުހާ ބާރެއް ލާފައި ނާފިޒް އެކާޑު ވީދާ ކުދިކުދިކޮށް އުކާލިއެވެ. އެޕާޓީއަށްދާން އޭނާ ބޭނުން ނުވެގެނެއް ނޫނެވެ. ރިޒާދެކެ ވެވޭ ނަފުރަތުންނެވެ.

ގެއަށް ގޮސް އެތައް އިރެއްވާންދެން ނާފިޒް ކޮޓަރީގެ ތެރޭގައި އިނދެ ރުޔެވެ. ޔާޝާގެ ފޮޓޯތަކާއި ވާހަކަ ދެއްކިއެވެ. މޮޔައަކު ފަދައިންނެވެ. ޝަކުވާ ކުރަމުންނެވެ. އޭނާ ޔާޝާ ހޯދަން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވުމުންނެވެ.

އެދުވަހަށް ފަހު، ބަރާބަރަށް ނާފިޒް އަލުން އޮފީހަށް ނުކުންނަން ފެށިއެވެ. ކޮންމެ ފޯމެއް އޭނާ ބަލައި ޗެކްކުރަމުން ގެންދަން ފެށިއެވެ. ކޮންމެވެސް ދުވަހަކު އެކައިވެނި ރޫޅާލަން ޔާޝާ ކޯޓަށް އަންނާނެ ކަމުގެ އުންމީދުގައެވެ. އެދުވަހަކުން އޭނާ ޔާޝާދެކެ ލޯބިވާ ވަރު ހާމަކުރާނެ ކަމުގެ އަޒުމާއި އެކު ގައެވެ.


ނިމުނީ--

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް