ހިޔާ ފްލެޓުތައް ލިބިފައިވާ ގިނަ މީހުން ދަނީ ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކަމުންކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މީހުން ދިރިއުޅެން ފަށާފައިވާ ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށާފައިވަނީ މިމަހު އެވެ. މަހަކު ދައްކަން ޖެހެނީ މެއިންޓަނަންސް ފީއަށް1،000 ރުފިޔާ އާއި އެކު8،500 ރުފިޔާ އެވެ.
އެޗްޑީސީން ބުނީ ފީ ދެއްކުމުގައި ހަމަޖައްސައިދީފައިވާ ލުއި އުސޫލުތަކުގެ ތެރެއިން ހިޔާ ފްލެޓުތަކަށް ގިނަ ބަޔަކު ކުލި ދައްކަމުންދާ ކަމަށެވެ. ފްލެޓުތަކަށް އޮންލައިންކޮށް، އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް އަދި އެ ކުންފުނީގެ މައި އޮފީހަށް ގޮސްގެން ކުލި ދެއްކެ އެވެ.
ގިނަ ބަޔަކު ކުލި ދައްކާކަމަށް އެޗްޑީސީން ބުނެފައި މިވަނީ ހިޔާ ފްލެޓުތަކަސް ކުލި ނުދެއްކުމަށް ފްލެޓުތައް ލިބުނު މީހުން ގުޅިގެން އުފައްދާފައިވާ ހިޔާ ޔޫނިއަންއިން މިއަދު ގޮވާލާފައިވަނިކޮށެވެ. އެ ޔޫނިއަނުން ބުނީ އެޗްޑީސީ އާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފޯރުކޮށްދޭޖެހޭ އަސާސީ ގިނަ ހިދުމަތްތަކެއް ނުލިބޭ ކަމަށެވެ.
ހިޔާ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އެ ޔޫނިއަނުން ނުދެކޭ ކަމަށެވެ. އަދި މެއިންޓަނެންސް ފީ ހިމެނޭގޮތަށް ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާއި ހިލާފު އެންގުމެއް ކަމަށްވެސް ބުންޏެވެ.
އެ ޔޫނިއަނުން ބުނީ، މެއިންޓަނަންސް ފީ ނެގޭނީ އެގްރިމެންޓުގައި ބުނެފައިވާ ގޮތަށް ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށެވެ. އަދި އެކަން ހަ މަސް ދުވަހުގެ ތެރޭގަިއ އެޗްޑީސީން ނިންމަންވާނެ ކަމަށް ހިޔާގެ އެއްބަސްވުމުގައި ބުނެފައިވާ ކަމަށް ބުންޏެވެ.
އެ ޔޫނިއަނުން ބުނީ ހިޔާ ސަހަރުގައި ފްލެޓުގައި ހުރި އެތައް މައްސަލަތަކަކާއި ވަކިވަކި ފަރުދުންގެ ހާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ރިއާޔަތްކޮށް ހިޔާ ފްލެޓުގެ ކުލި ނެގުން އަދިވެސް އަވަސްކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ކުލި އަދި މެއިންޓަނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް އެޗްޑީސީއަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް