މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިސްނެންގެވުމުގެ މަތިން މާލެ ފިޔަވާ ސިޓީތަކުގައި އިޙްޔާ ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިގެން ދިއުމަކީ ރައްޔިތުންނާހަމައަށް މެސެޖް ފޯރުކޮށްދިނުމުގައި އެޅިގެންދާ ފަހި ފިޔަވަޅެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި މިރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ އޮފް ސްޓޭޓް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މާލެ ފިޔަވާ ޚާއްސަކޮށް އާބާދީ ބޮޑު ސަރަޙައްދުތަކުގައި ސަރުކާރުގެ ފަރާތުން ހިންގާ ހުރިހާ މަޝްރޫޢުތަކެއް، އެއީ ތަރައްޤީގެ މަޝްރޫޢުތައްކަމުގައިވިޔަސް، އަދި އިންސާނުން ބިނާކޮށް ޚާއްސަކޮށް ހޭލުންތެރިކަމުގެ މިފަދަ މަޝްރޫޢުތައްކަމުގައިވިޔަސް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އެގޮތުން މާލޭގައި މި ފޯރަމް ބާއްވާގޮތަށް ކުޅުދުއްފުށީ ސިޓީގައިވެސް މި ފޯރަމް ބޭއްވިގެން ދިޔަކަމީ ކުރިއަށް އެޅިގެން ދިޔަ ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.
ރޭގެ އިޙްޔާ ފޯރަމުގައި އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާތީއާއި އެސިޓީން މިނިސްޓްރީއަށް ދެއްވި އެއްބާރުލުމަށްޓަކައި އެކަމަށް ޝުކުރުއަދާކުރައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މިފަދަ ދީނީ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު ފެންނަ މަންޒަރަށް ބަލާއިރު މިރޭގެ ފޯރަމުގައި އެހާ ގިނަ ބަޔަކު ބައިވެރިވާނެކަމަށް އުންމީދު ނުކުރައްވާކަމަށާއި ކުޅުދުއްފުށީ ސިޓީން ދެއްކީ ވަރަށް ރީތި ނަމޫނާއެއްކަމަށެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ އެހެން ސިޓީތަކާއި ރަށްތަކުގެ ރައްޔިތުން ކުޅުދުއްފުށީ ސިޓީ ނަމޫނާއަކަށް ދެކިގެން އިޙްޔާ ފޯރަމްތަކުގައި ބައިވެރިވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މާލެ ފިޔަވައި 3 ސިޓީއާއި އިސްލާމީ މަރުކަޒުތައް ހުންނަ ދެ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ފޯރަމްގައި ގުރުއަތުލުންވެސް ކުރިއަށްދާނީ މާލޭގެ ފޯރަމްތަކުގައިވެސް ކުރިއަށްދާ ފަދައިންކަމަށާއި ރާއްޖޭގެ ފަސް ސަރަހައްދުގައި ބޭއްވޭ ފޯރަމްތަކާއި މާލޭގައި ބޭއްވޭ ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަށްދާ ފަރާތަކަށް ޢުމްރާ ދަތުރެއްދިނުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ރޭ އިޢުލާން ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. 2ވަނައަށްދާ ފަރާތަކަށް އަގުބޮޑު ފޯނެއް ދިނުމަށް ހަމަޖެހިފައިވާއިރު 3 ވަނައަށް ދާ ފަރާތަކަށް ރަނގަޅު ފެންވަރުގެ ޓީވީއެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައިކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ސްޓޭޓް އަނީލް ވިދާޅުވީ ގުރުއަތުލުން ކުރިއަށް ގެންދާނީ މާލެއާއި އަތޮޅުތައް ވަކިން ކަމަށާއި އެއީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައިކަމަށެވެ. މިފަދަ އިނާމުތައް ދިނުމުގެ މަޤްސަދަކީ އިޙްޔާ ފޯރަމްފަދަ މުހިންމު ދީނީ މަޢުލޫމާތުތައް ފޯރުކޮށްދޭ ޖަލްސާތަކުގައި ގިނަބަޔަކު ބައިވެރިވާން ހިތްވަރު ދިނުންކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރީގެ ސިޔާސަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލާމަރުކަޒީކޮށް ޚިދުމަތްތައް ދިނުންކަމަށާއި ކައުންސިލާއި ވަރަށް ގާތުން މިނިސްޓްރީން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ އޮފް ސްޓޭޓް އަނީލް މިރޭ ވަނީ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް