ރަށްގިރުމުގެ މައްސަލަ ހައްލު ނުކުރެވިގެން ހއ. ހޯރަފުށްޓާއި އެ ރަށު ފަޅު ހިއްކައިގެން ހަދާފައިވާ އެއާޕޯޓު ވަކި ކުރަން ނިންމައިފި އެވެ.
ހޯރަފުށީ އެއާޕޯޓު ހަދާފައިވަނީ އެ ރަށުގެ ދެކުނު ފަރާތު ފަޅުގެ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ. އެ ރަށާއި އެއާޕޯޓު ގުޅުވާފައިވަނީ ތާރު އަޅައިގެން ހަދާފައިވާ މަގަކުންނެވެ.
އެކަމަކު އެއާޕޯޓާއި ރަށް ގުޅުވި ފަހުން އުދަ އެރުމާއި ރަށް ގިރުމުގެ މައްސަލަ އިތުރުވެފައިވާއިރު އުދަ އަރައި އެއާޕޯޓަށްމީގެ ކުރިން ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މި މައްސަލަ ހައްލު ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހޯރަފުށީ ގިރާ މައްސަލަ ޙައްލުކުރުމަށް ހޯރަފުއްޓާއި އެއާޕޯޓް ހިމެނޭ ސަރަޙައްދު ކަނޑާލާ ކޯޒްވޭއަކުން ދެރަށް ގުޅާލުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނ ޑިޒައިނިން މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެ މަސައްކަތް ނިންމާ ކޯޒްވޭއަކުން ގުޅާލުުމުގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ދެ މަސްތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހޯރަފުށީ ކޯޒްވޭ ކެނޑުމަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށް ހަމަޖެހިފައިވަނީ ޔޫރަޕުން ކަމަށެވެ.
އެމްޓީސީސީން މިހާރު އަންނަނީ އެއާޕޯޓް ހިމެނޭ ރަށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން 1160 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
ހޯރަފުށީ އެއާޕޯޓަކީ މިސަރުކާރުން ތައާރަފު ކުރި ޖަޒީރާ ވަންތަ ކޮންސެޕްޓަަށް އެޅި ފުރަތަމަ އެއާޕޯޓެވެ. އެއެއާޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް