ކާނާ ވިހަވުމާއި ގުޅުންހުރި ބައްޔެއް ކަމުގައިވާ ސަލްމޮނެއްލާ ފެތުރޭކަމަށް ލަފާކޮށް ކިންޑަރ ޗޮކްލެޓް ފެކްޓަރީއެއް ބަންދުކޮށްފިއެވެ.
ބަންދުކޮށްފައިވަނީ އެ ކުންފުނީގެ އެންމެ ބޮޑު އެއް ފެކްޓަރީ ކަމުގައިވާ ބެލްޖިއަމްގައި ހުންނަ ކިންޑަރ ފެކްޓަރީއެވެ.
މަޝްހޫރު ޗޮކޮލެޓް ބްރޭންޑް ފެރާރޯގެ ކިންޑަރ ޗޮކޮލެޓް ފެކްޓަރީއެއް އިއްޔެ ބަންދުކޮށްފައިމިވަނީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ސަލްމޮނެއްލާ ފެތުރެމުންއަންނައިރު މިކަމާއި ކިންޑަރ ޗޮކޮލެޓާއި ގުޅުމެއްވާކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެގޮތުން ފާއިތުވި ދެ ހަފްތާއެއްހާދުވަހު އިނގިރޭސިވިލާތުން އެކަނި ސަލްމޮނެއްލާގެ 63 ކޭހެއް ފެނިފައިވާކަމަށެވެ. ފްރާންސުން 21 ކޭހެއް ފެނިފައިވާއިރު އޭގެ ތެރެއިން 15 ކޭސް ގުޅެނީ ކިންޑަރ ޗޮކޮލެޓާއި ކަމަށް ބުނެފައިވެއެވެ.
ބެލްޖިއަމްގައި ހުންނަ މި ޗޮކޮލެޓް ފެކްޓަރީ ބަންދުކޮށްފައިވާއިރު އެ ފެކްޓަރީން މާކެޓަށް ނެރުނު ސްޓޮކެއް މާކެޓުން ނަގާފައިވެސްވެއެވެ. އެހެންނަމަވެސް އެއްވެސް ތަހުލީލަކުން ސަލްމޮނެއްލާ ނުފެންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ބެލްޖިއަމްގެ ފުޑް ސޭފްޓީ އޮތޯރިޓީން ބުނެފައިވަނީ އެ އޮތޯރިޓީން ތަހުލީލުތައް ކުރުމަށްފަހު ނަތީޖާ ހާމަކުރާނެ ކަމަށެވެ.
ސަލްމޮނެއްލާ އަކީ މި ބާވަތުގެ ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ވަނުމުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުުރުން ބަނޑު ސަކަރާތްވުން ހިމެނޭ ބައްޔެކެވެ. މައިގަނޑުގޮތެއްގައި ސަލްމޮނެއްލާ ބެކްޓީރިއާ އުފެދެނީ ކާބޯތަކެއްޗާއި އިންސާނުންގެ ނޫނީ ޖަނަވާރެއްގެ ބޮޑުކަމުދާތަކެއްޗާއި އެ ކާބޯތަކެއްޗެއް ތަޣައްޔަރުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް