ދިރާގުން އެމްއެންޑީއެފް ފަޔަރ އަށް ބީއޭ ފިލިންގ ކޮމްޕްރެސަރެއް ހަދިޔާކުރައްވައިފި

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމްޓެޑް (ދިރާގު) އިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ބްރީތިންގ އެއަރ (ބީއޭ) ފިލިންގ ކޮމްޕްރެސަރެއް ހަދިޔާކުރައްވައިފިއެވެ. މިއަދު އެމްއެންޑީއެފް މާލޭ ...

09 Apr 2017 | 10:45

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމްޓެޑް (ދިރާގު) އިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ބްރީތިންގ އެއަރ (ބީއޭ) ފިލިންގ ކޮމްޕްރެސަރެއް ހަދިޔާކުރައްވައިފިއެވެ.

މިއަދު އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއެވެ. މި ރަސްމިއްޔާތުގައި، ދިރާގުގެ ފަރާތުން ހަދިޔާ ކުރެއްވި ބީއޭ ފިލިންގ ކޮމްޕްރެސަރގެ ރަމްޒީ ލިޔުމާ އެމްއެންޑީއެފްގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ ޒުހުރީއެވެ. އަދި، ދިރާގުގެ ފަރާތުން މި ލިޔުން އެމްއެންޑީއެފްއާ ޙަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަލްފާޟިލް އިސްމާޢީލް ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ދިރާގުގެ ފަރާތުން އެމްއެންޑީއެފްއަށް ބީއޭ ފިލިންގ ކޮމްޕްރެސަރ ހަދިޔާކޮށްދެއްވާފައިވާތީ، އެމްއެންޑީއެފްގެ ފަރާތުން އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިރާގަކީ އެމްއެންޑީއެފްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުންފުންޏެއްކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގައި ދިރާގުން އެމްއެންޑީއެފްއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

ބްރީތިންގ އެއަރ ފިލިން ކޮމްޕްރެސަރަކީ، ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާއިރު ނޭވާލުމަށް ބޭނުންކުރާ ފުޅި ރިފީލް ކުރުމަށް ބޭނުންކުރާ މެޝިނެކެވެ. މި ރަސްމިއްޔާތުގައި، އެފްއާރުއެސްއިން ތައްޔާރުކޮށްފައިވާ ބީއޭ ފިލިންގ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ. އަދި، ދިރާގުން ހަދިޔާކުރެއްވި މެޝިން ބޭނުންކޮށްގެން ގޭސްފުޅިއަށް ވައި ފިލްކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަނެއް މި ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ ޒުހުރީ އާއި އެފްއާރުއެސްގެ ސީނިއަރ އޮފިސަރުންނާއި އެ ޔުނިޓުގެ ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ދިރާގުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް