ދިރާގުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 20 ގައި

ދިރާގުގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ. ދިރާގުން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ...

09 Apr 2017 | 09:43

ދިރާގުގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އާޓް ގެލަރީ ގައި ކަމަށެވެ.

ދިރާގުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމާއި، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ އަދަދު ފާސްކުރުން މި ޖަލްސާގައި އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް 1.1 ބިލިއަން ރުފިޔާ ބެހުމަށް އެކުންފުނިން ނިންމާފައިވާއިރު، މިއީ 2015 އަހަރު ދިރާގުން ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށް ވުރެ 51 ޕަސެންޓު އިތުރު އަދަދެކެވެ.

ދިރާގުން ބުނީ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.45 ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމާފައިވާކަމަށެވެ. އެގޮތުން މުޅި އަހަރު ދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބޭނެއެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ "އަހަރެންގެ ދިރާގު – ދިވެހިންގެ ގުޅުން" މި ޝިއާރުގެ ދަށުން ދިރާގު ލިސްޓްކުރެވުނު ފަހުން ދިރާގުން އެތައް ކުރިއެރުންތަކެއް ހޯދައި، ރަނގަޅު މާލީ ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ދިރާގުގެ މިކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަގީންކަމާއި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ދިރާގަކީ 1988 ގައި ޤާއިމް ކުރެވުނު ދިވެހިރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް