ސިއްހީ ދާއިރާގެ ތައުލީމު ކުރިއެރުވުމަށް، އޭޑީކޭ އާއި އެމްއެންޔޫން އެއްބަސްވެއްޖެ

ޞިއްޚީ ދާއިރާގެ ތަޢުލީމު ކުރިއެރުވުމަށް، އޭޑިކޭ ހޮސްޕިޓަލުގެ ސްކޫލް އޮފް ހެލްތް ސައިންސާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ (އެމްއެންޔޫ) އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. އެމްއޯޔޫގައި ސޮއި...

09 Apr 2017 | 09:33

ޞިއްޚީ ދާއިރާގެ ތަޢުލީމު ކުރިއެރުވުމަށް، އޭޑިކޭ ހޮސްޕިޓަލުގެ ސްކޫލް އޮފް ހެލްތް ސައިންސާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ (އެމްއެންޔޫ) އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި ސޮއިކުރިމަށް މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ހަފްލާގައި އެމްއެންޔޫގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރީ ޔުނިވާރސިޓީގެ ވައިސް ޗާންސެލާ، ޑރ. ފަވާޒް ޝަރީފް އެވެ. އަދި އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު، އަހްމަދު އައްފާލް އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާރ، ޑރ. ފަވާޒް ޝަރީފް ވިދާޅުވީ އޭޑީކޭއަކީ ރާއްޖޭގައި ފުޅާ ދާއިރާގައި އެންމެ ފުރަތަމަ ޞިއްޚީ ދާއިރާއަށް ޚިދުމަތްކުރަން ފެއްޓެވި އަމިއްލަ ފަރާތައްވުމާއެކު، މިހާރު އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލްކަމަށެވެ.

ވައިސް ޗާންސެލާރ އިތުރަށް ވިދާޅުވީ، އެމްއޯޔޫގެ ދަށުން ދެ ފަރާތުން އެކުވެ ރާއްޖޭގެ ޞިއްޚީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ، ޞިއްޚީ ދާއިރާގައި މަސައްކަތް ކުރާ ފާރަތްތަށް މިކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރެވޭނެއެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން ބާއްވާ ފުރަތަމަ ޖޮއިންޓް އިވެންޓް ކޮންފަރެންސްއެއް މިއަންނަ ހަފްތާ ބަންދުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ މައިބަދަށް ދިމާވާ މައްސަލަތަކާއި ބޭހޭގޮތުންނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ، އައްފާލް ވިދާޅުވީ، މިއީ ރާއްޖޭގައި މިކަހަލަ ކޮންފަރެންސެއް ބޭއްވޭ ފުރަތަމަ ފަހަރުކަމަށާއި، މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު  ޑޮކްޓަރުން ބައިވެރިވާނެކަމަށެވެ. އަދި މި ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލްގައި ކުރާ މައިބަދާގެ ސަރޖާރީއެއް ލައިވް ކުރާނެ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް