ޕީޕީއެމްއިން ކުރިޔަށް ގެންދާ “އެންމެ ގާތުން” ކެމްޕެއިންގައި ކ. ގާފަރަށާއި ކާށިދޫ އަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަޑައިގެންފި އެވެ.
މެޑަމް ފާތުންގެ މި ދަތުރުފުޅުގައި އެކަމަނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ހުކުރު ދުވަހު ކ. ގާފަރަށެވެ. އަދި އިއްޔެ ވަޑައިގެންނެވީ ކާށިދޫ އަށެވެ.
މެޑަމްގެ މި ދަތުރުފުޅުގައި އެ ދެ ރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނާއި ބައްދަލުކުރައްވާފައި ވެ އެވެ. އަދި އެ ފަރާތްތަކުގެ ހާލު ބަލައި، އެމީހުންނަށް ބޭނުން ވަނީ ކޮން ކަމެއްތޯ އޮޅުން ފިލުއްވި އެވެ.
މި ދަތުރުފުޅުގައި މެޑަމް ފާތުންގެ އަރިހުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމާއި، ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
“އެންމެ ގާތުން” ކެމްޕެއިންގައި މެޑަމް ފާތުން ވަނީ މިދިޔަ މަހު ހއ. އާއި ހދ. އަދި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައި އެވެ. އަދި ފެބްރުއަރީ މަހު ނ. އަތޮޅަށް ވަޑައިގެން ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާއިރު އޭގެ ކުރިން ވަނީ ހުޅުމާލެއަށްވެސް ޒިޔާރަތް ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް