ސީރިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއްކަމުގައިވާ އިދުލީބަށް އިއްޔެ ދިން ވައިގެ ހަމަލާއެއްގައި 18 މީހަކު މަރުވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ފަސް ކުދިން ހިމެނޭކަމުގައި އެ ސަރަހައްދުގެ ކަންކަން މޮނީޓަރ ކުރަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސް(އެސްއޯއެޗްއާރު) އިން ބުނެފި އެވެ.
އެސްއޯއެޗްއާރުން ބުނެފައިވަނީ އިއްޔެގެ އެ ހަމަލާއަކީ ރަޝިޔާގެ ވައިގެ ސިފައިން ދިން ހަމަލާއެއްކަމުގައި ބެލެވޭ ކަމަށެވެ. ސީރިޔާގައި ރަޝިޔާގެ ސިފައިން ވާގިވެރިވަމުން އަންނަނީ ސީރިޔާގެ ސަރުކާރަށެވެ.
އިދުލީބު ކޮންޓްރޯލް ކުރަމުން އަންނަނީ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންނެވެ. ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ އިދުލީބުގެ ކޮންޓްރޯލް ސަރުކާރަށް ހޯދުމަށެވެ.
އިދުލީބަށް ވައިގެ ހަމަލާއެއްދީ 18 މީހަކު މަރާލާފައިވާއިރު ނިމިދިޔަ ހަފްތާގެ ތެރޭގައި އިދުލީބުގެ ޚާން ޝޭޚޫން އަށް އަމާޒުކޮށް ދިން ކެމިކަލް ހަމަލާއެއްގައި 87 މީހަކު މަރާލާފައި ވެ އެވެ. އޭގެ ތެރޭގައި ކުޑަ 35 ކުދިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް