ވަގު ޕާސްޕޯޓުގައި ސީރިއާ ބަޔަކު ފުރުވާލި އޮފިސަރަކާއި މީހަކު ހައްޔަރުކޮށްފި

ރާއްޖެ އައި ސީރިޔާގެ ނުވަ މީހަކު ވަގު ޕާސްޕޯޓުގައި ރާއްޖެ އިން އެހެން ގައުމަކަށް ފޮނުވާލުމުގައި އެހީވި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ. ފުލުހުންނާއި ޑިޕާޓްމަންޓް އޮފް އިމިގްރެޝަން އެންޑް އެމިގްރޭޝަނާ ...

09 Apr 2015 | 11:01

ރާއްޖެ އައި ސީރިޔާގެ ނުވަ މީހަކު ވަގު ޕާސްޕޯޓުގައި ރާއްޖެ އިން އެހެން ގައުމަކަށް ފޮނުވާލުމުގައި އެހީވި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުންނާއި ޑިޕާޓްމަންޓް އޮފް އިމިގްރެޝަން އެންޑް އެމިގްރޭޝަނާ ގުޅިގެން އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޑެންޓެންޓު އޮފް ޕޮލިސް ހުސައިން ރަޝީދު ވިދާޅުވީ ސީރިއާއިން ރާއްޖެ އައި ނުވަ މީހަކު އޭގެ ދެ ދުވަސް ފަހުން ވަގު ޕާސްޕޯޓުގައި ދޯހާއަށް ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުން ދޯހާއަށް ގޮސްފައިވަނީ އިމިގްރޭޝަން އޮފިސަރަކާއި މީގެ ކުރިން އެ ތަނުގައި މަސައްކަތް ކޮށްފައިވާ މީހަކު ވެގެން އެމީހުންނަށް ބަލްގޭރިއާގެ ސައްހަނޫން ޕާސްޕޯޓެއްގައި ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުން ކަމަށެވެ.

އެ މައްސަލަައިގަ ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގައި މަސައްކަތް ކުރާ 25 އަހަރުގެ ފިރިހެނެކެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ދަތުރުކުރަމުންދިޔަ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުޑަކުދިން ތިބިކަމަށް ވެއެވެ.

"މިމައްސަލަ ފުލުހުންނަށް އިިމިގްރޭޝަނުން ހުށަހެޅުމުން ފުލުހުންނާ އިމިގްރޭޝަނާ ގުޅިގެން ހޯދި މައުލޫމާތުތަކުން މިދިޔަ މަހުގެ 27ވަނަ ދުވަހު ސީރިޔާގެ ސައްހަ ޕާސްޕޯޓެއްގައި ރާއްޖެ އައިސްފައިވާ ސީރިއާގެ ނުވަ މީހަކު މިދިޔަ މަހުގެ 29 ވަނަ ދުވަހު ގަތަރުގެ ދޯހާއަށް ދިއުމުން އެ މީހުން އަނބުރާ ރާއްޖެ ވަނީ ގެނެސްފައި. އަދި އެ މީހުން އަނބުރާ ރާއްޖެ ގެނައީ އެ މީހުން ރާއްޖެއިން ދޯހާއަށް ފޮނުވާލާފައިވާ ވަނީ ބަލްގޭރިއާގެ ޕާސްޕޯޓުތަކެއްގައިކަން އިމިގްރޭޝަނަށް އެނގުމުން،" ހުސައިން ރަޝީދު ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި ރާއްޖެ އައި ސީރިޔާގެ މި ގުރޫޕަކީ އެ ގައުމުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ އިން ސަލާމަތްވުމަށް އައި ސީރިޔާ ރައްޔިތުންތަކެކެވެ. އެ މީހުން ރާއްޖެ އައީ ޔޫރަޕްގެ ގައުމަކަށް ދިޔުމުގެ މަގުމަތީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.  އަދި އެ ނުވަ މީހުންގެ އަތުގައި އޮތް ސީރިޔާ ޕާސްޕޯޓާ ބަލްގޭރިއާ ޕާސްޕޯޓުގައި ވެސް މިދިޔަ މަހުގެ 27ވަނަ ދުވަހު ރާއްޖެ އެތެރެވި ކަމުގެ ތަތްގަނޑު ޖަހާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް ހުސައިން ހަލީމް ވިދާޅުވީ ވަގު ޕާސްޕޯޓުގައި ދަތުރު ކުރާ ބަޔަކު ފެނިއްޖެ ނަމަ އެ މީހުން އަނބުރާ ފޮނުވާލާނީ އެ މީހުން އެންމެ ފަހުން އައި ގައުމަކަށް ކަަމަށެވެ. އެގޮތުން އެމީހުން ފޮނުވާލީ ރާއްޖެއަށް ކަމަށާއި، އެމީހުން ރާޢްޖެ އައުމުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ސީރިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.

ވަގު ޕާސްޕޯޓުގައި ދަތުރު ކުރުމަށް އެހީވި އެ ދެ ދިވެހިން ސީރިޔާ މީހުންގެ އަތުން ވަނީ ބޮޑު އަދަދަކުން ފައިސާ ނަގާފައި އެވެ. އިމިގްރޭޝަނުން ބުނީ އެ އޮފީހުގެ މުވައްޒަފެއްކަމުގައި ވިޔަސް އެފަދަ ކަންކަން ގަބޫލު ނުކުރާނެ ކަމަށެވެ.

އިމިގްރޭޝަން އޮފިސަރަކު ފައިސާއަށް ވަގު ޕާސްޕޯޓުގައި ބަޔަކު އެހެން ގައުމަކަށް ފޮނުވާލިކަން ހާމަކޮށްފައި މިވަނީ އޮޅުވާލައިގެން ރާއްޖެ އަށް ބަންގްލަދޭޝް މީހުން އެތެރެ ކުރުމުގައި އިމިގްރޭޝަންގެ އޮފިސަރުން ބައިވެރިވާ ކަމަށް، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ހައި ކޮމިޝަނަރު ދެއްކެވި ވާހަކަ، ރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ދޮގުކޮށްފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް