ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަސް ކުރުުމަށް ކޮމިޓީން ފާސްކޮށްފި

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ. މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ގާނޫނުލް އުގޫބާތަށް އަމަލުކ...

09 Apr 2015 | 10:04

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށެވެ.

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައި މިވަނީ އަންނަ ހޯމަ ދުވަހު ގާނޫނުލް އުގޫބާތަށް އަމަލުކުރަންޖެހޭނެ ކަމަށް ގާނޫނުލް އުގޫބަތުގައި ކަނޑައަޅާފައިވަނިކޮށެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ހުށަހެޅުއްވީ  ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން އެެވެ.

ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން  ފެށުން ލަސްކުރުމަށް ބިލް ހުށަހަޅަން ޖެހުނީ އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުގެ ކުރިން އެ ގާނޫނަށް އަމަލުކުރަން ފަށަށް ވަމުންދާ ތައްޔާރީތަކުގައި ކުރެވުނު ދިރާސާއިން ކަންތައްތަކެއް ފާހަގަ ކުރެވުމުން ކަމަށެވެ. އެކަންކަމުގެ ތެރޭގައި ގާނޫނީ ހުސްކަންތައްތަކާއި މަނާކުރުމުގައި އެުފެދޭ ހިލާފުތަކާއި، މާއްދާތަކުގެ ތަރުތީބުގެ ކުށްތަކާއި އަމަލުކުރުމުގައި ކުރިމަތިވެދާނެ ބޮޑެތި ބޭއިންސާފުތަކާއި އޮޅުންއަރާ އިބާރާތްތަކުގެ އިތުރުން ޖުމްލަތައް އަލުން މުރާޖާކޮށް އިސްލާހު ކުރުން ހިމެނޭކަމަށް ސަރުކާރުން އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފަ ވެއެވެ.

ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަސްކުރުމަށް ކޮމިޓީން ނިންމި ނަމަވެސް އެ ނިންމުމަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްކުރުމުންނެވެ.

ހޯމަ ދުވަހު އަމަލުކުރަން ފަށަންޖެހޭ އެ ގާނޫނު ދެން ފަސް ކުރެވޭނީ އޭގެ ކުރިން ޖަލްސާއެއް ބާއްވައިގެންނެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް