ދިއްގަރު ދާއިރާއަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" ގެ ގުޅު...

09 Apr 2015 | 09:48

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" ގެ ގުޅުމުން، އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ އެ ދާއިރާގެ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މިހާރު ފެށިގެން ކުރިޔަށް ދާކަމަ ށެވެ. އަދި އެ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހޯމަ ދުވަހު ހުކުމް ކުރުމުން ނެވެ.

އެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މެމްބަރު މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ.

ޕީޕީއެމްއިން ބުނެފައިވަނީ އެ ގޮނޑިއަށް ކުރިމަތިލާން ޕީޕީއެމްއިން ގިނަ ބަޔަކު ޝައުގުވެރިވާނަމަ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓަކު ހޮވާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަނަށް ހުޅުވާލަން ޖެހެ އެވެ. އެހެން ނަމަވެސް ދިއްގަރު ދާއިރާ އަށް އެ ފުރުސަތު ހުޅުވާލާނީ، ނާޒިމްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ސުޕްރީމް ކޯޓުން ލިބުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް