ހުލާސާ ރިޕޯޓު ލިބުމުން ޖަލީލުގެ މައްސަލަ އިސްތިއުނާފު ކުރުމާއި މެދު ގޮތެއް ނިންމާނަން

......... ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވުމުން ހުކުމް އިސްތިއުނާފު ކުރުމާއި މެދު ގޮތެއް ނިންމާނީ އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުތައް ލ...

09 Apr 2015 | 09:35

.........

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވުމުން ހުކުމް އިސްތިއުނާފު ކުރުމާއި މެދު ގޮތެއް ނިންމާނީ އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުތައް ލިބުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް އިއްވި ހުކުމްގެ ހުލާސާ ރިޕޯޓު މިއަދު ދޭނެ ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓު ލިބުމުން ދިރާސާ ކުރުމަށްފަހު ޖަލީލުގެ މައްސަލަ އިސްތިއުނާފު ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ދައުލަތުން މޫސާ އަލީ ޖަލީލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް ރޭ އިއްވި ހުކުމްގައި ބުނެފައި ވަނީ ގާޒީ ހައްޔަރުކުރަން ދައުލަތުގެ އެންމެ އިސްވެރިޔާ އަމުރުކުރުމުން އެކަން ކުރިއަށް ގެންދަން ބޭއްވި މަޝްވަރާ ތަކުގައި ވެސް އަދި އޮޕަރޭޝަންގައި ވެސް މޫސާ އަލީ ޖަލީލު ބައިވެރިވިވެފައި ވާކަން ސާބިތުވާ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާކަމަށެވެ.

އަދި އެމީހެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި މައްސަލަ ޝަރީއަތަށް ސާބިތުނުވާހާ ހިނދަކު ކުށުގެ ޒިންމާ އެމީހަކު އުފުލަން ނުޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައި ވާކަމަށް ހުކުމްގައި ވެއެވެ.

މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކްރިމިނަލް ކޯޓުން މައްސަލައެއް ނިންމާތާ 10 ދުވަހުގެ ކުރިން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޖެހޭނެއެވެ. ހައިކޯޓުން މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނަމަ އެމައްސަލަ އެއް ހައިކޯޓުން ނިންމާތާ 60 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް