ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ސާކް ގައުމުތަކާއި އެކު މަޝްވަރާކުރަނީ

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސާކްގެ ގައުމުތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. އެ މަޝްވަރާތައް ކުރިޔަށްދަނީ މިދިޔަ ހޯމަ ދުވަހު އިންޑިޔާގައ...

09 Apr 2015 | 08:01

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސާކްގެ ގައުމުތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އެ މަޝްވަރާތައް ކުރިޔަށްދަނީ މިދިޔަ ހޯމަ ދުވަހު އިންޑިޔާގައި ފެށި ސާކްގެ ސިއްހަތާ ބެހޭ ވަޒީރުންގެ ފަސް ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ހެލްތް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނަވަނީ ހެލްތް މިނިސްޓަރު އަހުމަދު ޒުހޫރު ކަމަށެވެ.

އެގޮތުން މިނިސްޓަރު ޒުހޫރު މިދިޔަ އަންގާރަ ދުވަހު ޕާކިސްތަނުގެ ސިއްހަތާ ބެހޭ ވަޒީރާ ބައްދަލުކުރައްވާފައި ވާއިރު އިއްޔެ އިންޑިޔާ އާއި ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރުންނާ ބައްދަލުކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ މި ސަރަަހައްދުގެ ގައުމުތަކުގެ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ނެވެ. އޭގެ އިތުރުން ސިއްހީ މައްސަލަތައް ހައްލުކުރުމަށް ގައުމުތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފަރާތުން ވަނީ، ސަރަހައްދުގެ އެއިޑްސް އާ ގުޅޭ ތަޖުރިބާކާރުންގެ ބައްދަލުވުމާއި ސިއްހަތާއި އާބާދީއާ ގުޅޭ ފަންނީ ކޮމެޓީގެ ފަސް ވަނަ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިޔަށްދާ އެ ބައްދަލުވުމުގައި ޕާކިސްތާނާއި ސްރީލަންކާ އާއި އަފްގާނިސްތާނާއި ބަންގްލަދޭޝާއި ނޭޕާލް އަދި ބޫޓާންގެ ސިއްހަތާ ބެހޭ އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް