ޒިޔަދަމްގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ލ. މުންޑޫގައި ތޫނު އެއްޗަކުން ހަމަލާދީ އެރަށު ނޫވިލު، އަލީ ޒިޔަދަމް (29 އ) މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވ...

09 Apr 2015 | 07:18

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ލ. މުންޑޫގައި ތޫނު އެއްޗަކުން ހަމަލާދީ އެރަށު ނޫވިލު، އަލީ ޒިޔަދަމް (29 އ) މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމީޙުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފަވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

ޒިޔަދަމްގެ މަރާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުންނަކީ މުންޑޫ މީހުންނެވެ. އަނެއް މީހާ އަކީ ލ. މާބައިދޫ މީހެކެވެ. ބަންދުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ މަރުގެ އެ މައްސަލައާއި އެމީހާއާ ގުޅުމެއްވާ ކަމަށް ތަހުގީގަށް ފާހަަގަކުރެވިފައި ނުވާތީ ކަމުގައި ފުލުހުން ބުނެ އެވެ.

ޒިޔަދަމް މަރާލީ ބަނގުރަލުގެ މައްސަަލައެއްގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއް ހޫނުވެ މާރާމާރީ ހިންގުމަށްފަހު ވަޅިން ހަމަލާދީގެންނެވެ.

ޒިޔަދަމް އަކީ ވައްކަމާ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ޒިޔަދަމްގެ މަރާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް