ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި އިންޒާރު ދީ އަދި އެ ގެއަށް ގެއްލުން ދިން މައްސަލައެއްގައި ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް، ރީތިހިޔާ، އުމުރުން 23 އަހަރުގެ މުޙައްމަދު އަފްލާޙް އާއި ނ. ވެލިދޫ، އެލަސް، އުމުރުން 21 އަހަރުގެ އިބްރާހިމް އަޙްނަފް އާއި ނ. މަނަދޫ، ހަވޭލީ، އުމުރުން 23 އަހަރުގެ މުޙައްމަދު އަޛާން އާއި، ތ. ގުރައިދޫ، ފަޒާ، އުމުރުން 21 އަހަރުގެ ޢަލީ ނަވާފު އެވެ.
ފުލުހުން ބުނެފައިވަނީ މާލޭ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
"އެ ގެއަށް ރޭގެ 12:45 އެހައިކަންހާއިރު ހަތަރު މީހަކު ވަދެ އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާއި ގުޅިގެން އެ ހަތަރު މީހުން ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފަ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ހަތަރު މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
މިފަދަ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު މީހެއްގެ އަނގަޔަށް އެއްޗެއް ލުމަށްފަހު، ބަޔަކު ހިފަހައްޓައިގެން ތިބެ އެމީހާގެ ގައިގާ ސިނގިރޭޓު ޖައްސަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެ ވީޑިއޯގައި އެކަކުގެ އަތުގައި، އަނިޔާ ކުރުމަށް ބޭނުންކުރެވިދާނެ ފަދަ އެހެން އާލާތެއް އޮތް މަންޒަރުވެސް ފެނިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް