ޖަލުގައި ހުންނެވި ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު އިރުއަރަނީ އިލްހާމްގެ ގުޑް މޯނިން މެސެޖުން: ރައީސް ސޯލިހު

ޖަލުގައި ހުންނެވި ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު އިރުއަރަނީ  ފުނަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިލްހާމް އަހުމަދުގެ  ގުޑް މޯނިން މެސެޖަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެ...

09 Mar 2024 | 17:15

ޖަލުގައި ހުންނެވި ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު އިރުއަރަނީ  ފުނަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އިލްހާމް އަހުމަދުގެ  ގުޑް މޯނިން މެސެޖަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިލްހާމްގެ ކެމްޕޭނަށް ށ.މާއުނގޫދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ޖަލުގައި ހޭދަކުރެއްވި ހިތްދަތި ދުވަސްތަކުގެ ހަނދާން އާކުރައްވާ ރައީސް ވިދާޅުވީ އިލްހާމް އޮންނެވީ ރައީސް ޖެހިގެން އޮތް ގޮޅީގައި ކަމަށެވެ. އަދި އޭރު އެތަނުގައި ދެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އެންމެ ހިތްވަރުދެއްވި އެއް ބޭފުޅަކީ އިލްހާމް ކަމަށެވެ.

"ކޮންމެ ދުވަހަކު ހެނދުނުގެ އިރުއަރަނީ އިލްހާމްގެ ގުޑް މޯނިންގެ މެސެޖުން. ހުރިހާ ގޮޅިތަކަށް އިލްހާމްގެ އަޑުއިވޭ. އެ ވަގުތުން ފެށިގެން އިލްހާމް އަޅުގަނޑުމެން އެންމެންނަށް ހިތްވަރުދެމުން ގެންދެވި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިލްހާމަކީ ރާއްޖޭގެ މި ފަހުގެ ސިޔާސީ ހަޔާތުގައި ވަރަށް ފުންނާބުއުސް ކެރިގެން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި ކެރިގެން ވަކާލާތު ކުރާނެ ބޭފުޅަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ކުރިއަށް ރައްޔިތުންގެ މަޖިލީހަށް ލިބޭނެ އެންމެ އެކަށީގެންވާ އެންމެ ގާބިލް އެންމެ ކުޅަދާނަ އެއް ބޭފުޅަކަށް އިލްހާމް ވެގެންދާނެ. އެއީ ޝައްކެތް އޮތް ކަމެއް ނޫން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އިލްހާމަށް އެބައޮތްކަމަށެވެ. " އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް އިލްހާމާއި ދޭތެރޭ. ޖެހިލުންވެވަޑައިނުގެން ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް އިލްހާމް ކުރައްވާނެ" ރައީސް ވިދާޅުވިއެވެ.

އަދި މިއީ މި ދާއިރާއަށް މިހާތަނަށް ލިބޭނެ އެންމެ ރަނގަޅު މެމްބަރަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

" ތިޔަ ބޭފުޅުންގެ މަސައްކަތުން މި ގޮނޑި ހޯއްދަވާ ދެއްވާ، ދާއިރާގެ ބަސް އިއްވަވާނެ. ދާއިރާގެ ތަރައްގީ އަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކަށް ފަހަތަށް ޖެހި ވަޑައެއް ނުގަންނަވާނެ. މި ހުއްޓިފައި ހުރި މަސައްކަތް ފެއްޓުމަށްޓަކައި ދެން އަޅުގަނޑުމެންނަށް ކުރެވެން އޮތްކަމަކީ ރައްޔިތުންގެ މަޖިލުން ކުރަންހުރި މަސައްކަތް" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި އެމްޑީޕީ މި ކުރާ މަސައްކަތުގައި ފުނަދޫ ދާއިރާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ އިލްހާމަށް ފުނަދޫ ދާއިރާގެ ރައްޔިތުންގެ ވޯޓް ދެއްވައިގެން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ދާއިރާގެ ރަށްތަކުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް އެމްޑީޕީގެ ސަރުކާރުގައި ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް