ހަށި ވިއްކުމާއި ގުޅުންހުރި ދެ މައްސަލައެއްގައި އައްޑޫ ސިޓީއިން 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި 10 މީހަކު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރިޗް ހަތްވަނަ ދުވަހު ހިތަދުއާއި މަރަދޫގައި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި ހިތަދޫގެ ގެއެއް ބަލާ ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މާރިޗް އަށްވަނަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެންވެސް 14 ދުވަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި މަރަދޫގައި ހިންގި އޮޕަރޭޝަންގައި މަރަދޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލައިފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނަކާއި ތައިލެންޑުގެ ދެ އަންހެނުން އަދި މިޔަންމާގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މާޗް އަށްވަނަ ދުވަހު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލެންޑްގެ ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާ އަދި މިޔަންމާ ފިރިހެން މީހާ 10 ދުވަހަށް އަދި އިންޑިއާ ފިރިހެން މީހާ ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް