ޕާކިސްތާނުގައި ހޮންޑާ އޮޓޯމޮބައިލް އެސެމްބްލް ކުރާ ހޮންޑާ އެޓްލާސް ކާރސް އިން ޕްރޮޑަކްޝަން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުދަ ދުވަހު އިއުލާންކޮށް މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި ޕްލާންޓް ބަންދުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޕާކިސްތާން ސްޓޮކް އެކްސްޗޭންޖަށް ފޮނުވި ނޯޓިހެއްގައި އޮޓޯ އުފައްދާ ކުންފުނިން ބުނީ އެ ނިންމުން ނިންމާފައި ވަނީ އެ ކުންފުނީގެ ސަޕްލައި ޗޭން އަށް ވަރަށް ބޮޑަށް ބުރު އަރައިގެން ކަމަށެވެ.
އެކުންފުނިން ބުނީ ޕާކިސްތާނުގެ މިހާރުގެ އިގްތިސާދީ ހާލަތާއި ގުޅިގެން ކިޓް، ރޯ މެޓީރިއަލް އިމްޕޯޓް ކުރުމަށް އެލްސީ (ލެޓަރ އޮފް ކްރެޑިޓް) ހުޅުވުން ހަނިކުރުމާއި ބޭރުގެ ފައިސާ ދެއްކުން ހުއްޓުވުމަށް ނިންމާ، ހަނިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނިން ބުނީ އުފެއްދުން ކުރިއަށް ގެންދިއުމުގައި ދަތިވެ، އެންމެ ފަހުން މާޗް 9 އިން މާޗް 31 އަށް ޕްލާންޓް ބަންދު ކުރަން ނިންމީ ކަމަށެވެ.
ޕާކިސްތާނުގެ އިގްތިސާދީ ކުރިއެރުން ލަސްވަމުން އަންނަނީ އެންމެ މަތީ އިންފްލޭޝަން ރޭޓާއި ލޯނު ނެގުމުގެ ހަރަދު ބޮޑުވުމުން ޑިމާންޑް ދަށްވެ، ރުފިޔާގެ އަގު ދަށްވުމުން މުހިއްމު ކާރު ބައިތައް އެތެރެކުރުން އަގުބޮޑުވުމުންނެވެ.
އޮޓޯ ސެކްޓަރ އަދިވެސް އޮތީ ކްރައިސިސްތަކުގެ ތެރޭގައި ކަމަށާއި ފާއިތުވި މަސްތަކުގައި ގިނަ އަދަދެއްގެ އޮޓޯ އުފެއްދުންތެރިން ވަނީ މާކެޓުގައި ޑިމާންޑް ދަށްވުމާއި އެލްސީ ހޯދުމަށް ކުންފުނިތަކަށް އުނދަގޫވާތީ އިންވެންޓްރީ ބެލެހެއްޓުމަށް ނުކުޅެދި އޮޕަރޭޝަންތައް ހުއްޓާލާފައެވެ. އަދި ވިޔަފާރީގެ ޑެފިސިޓް ކޮންޓްރޯލް ކުރުމަށް ކޯލިޝަން ސަރުކާރުން ތައާރަފްކުރި އިމްޕޯޓް ރެސްޓްރިކްޝަންތަކުގެ ސަބަބުން ވެސް މި ސިނާއަތަށް ގެއްލުން ލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް