އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސް ކާމިޔާބުކަމާއި އެކު ނިންމާލައިފި

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޮންފަރެންސްގައި ވަނީ ޖުމްލަ 17 ކަރުދާ...

09 Mar 2023 | 17:39

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ކޮންފަރެންސްގައި ވަނީ ޖުމްލަ 17 ކަރުދާހެއް ހުށަހަޅާފައެވެ. މީގެ ތެރެއިން އެއްވަނަ ކަރުދާހަކަށް ހޮވިފައި ވަނީ މެލޭޝިޔާގެ ޑރ. ރައުދާ އެމްޑީ ރާމިލް ހުށަހެޅި ކަރުދާހެވެ.

އިއްޔެ އާއި މިއަދު ކުރިއަށްދިޔަ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ދަނީ އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް  ބެލުންކަމަށާއި އެހެންކަމުން މި ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތައް މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ކޮންފަރެންސްގައި މި އިސްލާމިކް މާލީ ނިޒާމްގެ ދާއިރާގައި  ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވައިސް ޗާންސްލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އިސްލާމިކް އިކޮނަމިކްސްގެ އެންމެ އިސްކަމަކީ މުޅި މުޖްތަމައުގެ އިގްތިސާދީ ކުރިއެރުމަށް އިސްކަންދިނުމާއި މުޅި އިންސާނިއްޔަތު ތަރައްގީކުރުންކަމަށެވެ. އަދި އޭގެ މަގުސަދަކީ ދުނިޔެއާއި އާޚިރަތުގައި އިންސާނާ އަށް ކާމިޔާބު ލިބުން ކަމަށެވެ.

"އައިކޮނީ 2023" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވާސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަނޭޝަނަލް ރިސާޗް ސެންޓާ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ އިލްމީ މަހާސިންތާއެކެވެ.

މި ކޮންފަރެންސް ބާއްވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސްގެ ބައިވެރިވުމާ ވެސް އެކު އެވެ.

މި ކޮންފަރެންސަކީ އިޖްތިމާއީ ކަންކަމާއި އިގްތިސާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްގީގައި އިސްލާމީ އިގުތިސާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، މި ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން މަޝްވަރާކުރަން ލިބޭ މުހިއްމު ފުރުސަތެކެވެ.

މި ކޮންފަރެންސްގެ ޝިއާރަކީ "އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮމިކްސް" ނުވަތަ އިސްލާމީ އިގްތިސާދުގެ ތެރެއިން އިޖްތިމާއީ އަދާލަތު ގާއިމްކުރުމެވެ. މިކޮންފަރެންސްގެ މަގުސަދަކީ އަދުލާއި އިހުސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް އިސްލާމީ އިގްތިސާދުގެ މުހިންމުކަން އަންގައިދިނުމެވެ.

މި ކޮންފަރެންސްގައި ކީނޯޓު ތަގުރީރު ދެއްވީ މި ދާއިރާގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އިސްލާމީ މާލީ ނިޒާމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމްކުރަން މެލޭޝިއާގައި ހިންގާ އިންސެއިފް ޔުނިވާސިޓީގެ ޕްރޮފެސަރު، ރާއްޖެ އަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އާއިޝަތު މުނީޒާ ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ ޔުނިވާސިޓީގެ ޕްރޮފެސަރު ދާތޯ އިގްބާލް ސަލާމް  އާއި ޕްރޮފެސަރު ދާތޯ ޑރ މުހައްމަދު އަޒްމީ އުމަރު ވެސް ތަގުރީރުކުރެއްވިއެވެ.

މީގެ އިތުރުން ޔުނިވާސިޓީ އޮފް ނިއު އޯލިއަންސްގެ ޕްރޮފެސަރު ޑރ މުހައްމަދު ކަބީރު ހަސަން އާއި އެ ނޫން ވެސް މި ސިނާއަތުގެ ތަޖުރިބާކާރުންނާއި އިލްމީ ބޭފުޅުން މި ކޮންފަރެންސްގައި ތަގުރީރު ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް