ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ވާދަ ކުރަން ނިންމައިފި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ.
އެމްޓީޑީން މިއަދު ބުނީ މި ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ މެންބަރުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 17:00 ގައި އެވެ.
އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ މެމްބަރުން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާކަން މިހާތަނަށް ހާމަ ކޮށްފައިވަނީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީ އެވެ.
އެންމެ ފަހުން ބޭއްވި މަޖިލީހުގެ ބައި އިލެކްޝަން ކަމަށްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަ ކުރާނެ މެމްބަރު ވޭތޯވެސް އެމްޓީޑީން ބެލި އެވެ. އެކަމަކު އެ އިންތިހާބުގައި ވާދަ ނުކުރަން ނިންމީ އެއްވެސް މެމްބަރަކު ޕްރައިމަރީއަށް ކުރިމަތި ނުލުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް