ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އިސްލާހު ކުރަން ހައި ކޯޓުން އަންގައިފި އެވެ.
ހައި ކޯޓުން މީޑިއާގައި ބުނީ އިސްތިއުނާފުކުރަން ހުށަހެޅި ލިޔެކިޔުންތަކުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން އެ ކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމަށް އަންގާފައިވާ ކަމަށެވެ.
ހައިކޯޓުން ފޯމުތައް އިސްލާހުކުރަން އަންގާފައި މިވަނީ އިސްތިއުނާފު ލަސްވާ މައްސަލައިގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ތިން ދުވަހު އެ ކޯލިޝަންގެ އިސްވެރިން ވަނީ އިސްތިއުނާފު ބަލައި ނުގެންނަ ސަބަބު އޮޅުން ފިލުވުމަށް ހައި ކޯޓަށް ވަޑައިގެންފައި އެވެ.
އެކަމަކު ހައި ކޯޓުގެ ރެޖިސްޓްރާ އެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެއް ނުވެ އެވެ.
އެކަމާއި ހިތްހަމަ ނުޖެހިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީޑިއާގައި ވިދާޅުވީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރަށް ފޯރުވާ ނުފޫޒުގެ ސަބަބުން ކަމަށެވެ.
ވ. އާރަށް ކުށްޔަށް ދިނުމުގައި މަނީ ލޯންޑާކޮށް، ރިޝްވަތު ހިފިކަމުގެ ދައުވަ ސާބިތުވެ އެމަނިކުފާނަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. މި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވީ މިދިޔަ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް