މި އަހަރު ސްޓެލްކޯގެ ފަރާތުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު އެ ކުންފުނީގެ 4 މުވައްޒަފަކަށް ދީފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ 1444 ވަނަ އަހަރުގެ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައި ވަނީ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.
އަދި 1444 ވަނަ އަހަރުގެ ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުން އަދި 22 އަންހެން މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ ޢުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުން އަދި އަންހެން 56 މުވައްޒަފުން ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ މި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް އިން އަބްދުﷲ ޝަރީފް ކަމަށާއި އަންހެން މުވައްޒަފަކަށް ހޮވިފައި ވަނީ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް އިން ޙަދީޖާ ތައުފީޤާ، ކަމަށެވެ.
މީގެ އިތުރުން ޤުރުއަތުލައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ ފިރިހެން މުވައްޒަފަކީ، ސާވިސް ސެންޓަރގެ މުވައްޒަފު ޝާހުލް ހަމީދު ކަމަށާއި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ފާތިމަތު ރިޒްނާ، ކަމަށެވެ.
ސްޓެލްކޯއިން ބުނީ ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.
އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް