ޖަޕާނު ސަރުކާރުން ރާއްޖެއަށް 38.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން އެއްބަސްވުމެއް އެކުލަވާލައި، ސޮއި ކޮށްފިއެވެ.
މި އެހީ ދޭން ނިންމާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އެހީވުމަށެވެ.
މިގޮތުން މި ޕްރޮގްރާމްގެ ދަށުން ކަނޑުމަތީގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްވެރިކަމާއި ގުޅޭ ކުށްތަކުގައި ހައްޔަރުކުރާ ފަރާތްތަކަށް ގާނޫނީ ހައްގުތައް ކަށަވަރުކޮށްދޭކަން ޔަގީންކުރުމަށް ހިލޭ އެހީގެ ދަށުން މަސައްކަތްކުރާނެ އެވެ.
ހަމައެހެންމެ ޖިނާއީ އަދުލުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އިލްމާއި ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކު މެރިޓައިލް ސެކިއުރިޓީގައި ހަރަކާތްތެރިވާ މީހުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށްވެސް މަސައްކަތް ކުރާނެ އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ޖަޕާން ސަރުކާރުން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ޓެކުއެޗި މިޑޯރީ އެވެ.
ޔޫއެންއޯޑީސީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ސައުތު އޭޝިއާ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ރެޕްރެޒެންޓޭޓިވް މާކޯ މޮރެއިރާ ޑެ ސާ އަސުންކާއޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް