އައްޑޫ ސިޓީގެ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި އިއުލާނުގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ.
އަދި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ފީގެ ގޮތުގައި 500 ރުފިޔާ ދައްކައިގެން ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1،100،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރުން ހުށަހަޅަން ޖެހޭ ކަމަށެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައި ވާއިރު އައްޑޫ ކައުންސިލުން ގެންދަނީ އައްޑޫގެ މީދޫ، ހުޅުދޫ، އަދި ފޭދޫ ބަންޑާރަ ގޯތި ދޫކުރުމަށްވެސް ތައްޔާރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް