ރުއްގަހަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ ސަމާލުވާން އެގްރިކަލްޗާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުބު ބަޔާނެއްގައި ބުނީ ގަސްތަކާއި ރުއްތަކަށް އެ ބަލި ޖެހެމުންދަނީ ދިރޭ ސުއިއްޕަކުން ކަމަށެވެ، މި ސޫފީގެ ސަބަބުން ރުކަށާއި ދަނޑުގައި ހައްދާ ގަސްތަކަށާއި ބަގީޗާ ގަސްތަކަށް ބަލި ޖެހޭކަން ކަށަވަރުވެފައިވާ ކަމަށް ބުންޏެވެ.
އެގްރިކަލްޗާއިން ބުނީ މިއީ ރާއްޖެއަށް މުޅިން އާ ބައްޔެއް ކަމަށެވެ. މި ބަލި ޖައްސާ ފަނިފަކުސަ ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރުވެ އެވެ.
މިއީ އެއްގަހުން އަނެއް ގަހަށް އަރާ ބައްޔެއް ކަމުން ގަސްވިއްކާ ފަރާތްތަކާއި ގަސް ގަންނަ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ މިނިސްޓްރީން ދަނީ އެ ބަލި ޖައްސާ ފަނިފަކުސަ/ޖަރާސީމު ދެނެގަނެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ހާއްސަ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މި ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެގްރިކަލްޗަ މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް