ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ޕީޕީއެމް ޓިކެޓު ހުސައިން ރިޒާއަށް ދޭން ނިންމައިފި އެވެ.
ހުސައިން ރިޒާ އަކީ އެންމެ ފަހުން އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. މެމްބަރު ރިޒާ އަވާހަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ދުވަސް"އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ހުސައިން ރިޒާއަށް ޓިކެޓު ދޭން ނިންމީ ޕްރައިމަރީއަށް ހުޅުވާލުމުން އިތުރު ބޭފުޅަކު ކުރިމަތި ލާފައި ނުވާތީ ކަމަށެވެ.
ޕީޕީއެމްގެ އިތުރުން ގުރައިދޫ ބައި އިލެކްޝަންގައި ވާދަ ކުރާކަން ހާމަކޮށްފައިވަނީ އެމްޑީޕީ އާއި އެމްއެންޕީ އެވެ. މީގެ ތެރެއިން އެމްއެންޕީގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލި ހަމަ އެކަނި ބޭފުޅާ ކަމަށްވާ އަލީ އާރިފަށް ޓިކެޓު ދޭން ވަނީ ނިންމާފައި އެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ހަތަރު ބޭފުޅަކު ކުރިމަތި ލިއެވެ. އެމްޑީޕީން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
އެ ދާއިރާގެ ކުރީގެ މެމްބަރު ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މެލޭޝިއާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް