ޗެމްޕިއަންސް ލީގު: ޕީއެސްޖީ ކަޓުވާލުމަށް ފަހު ބަޔާން ކުއާޓާ ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ރޭ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަންުގެ ބަޔާން މިޔުނިކް ބައްދަލުކުރި މެޗުން ބަޔާން މޮޅުވެ. އެޓީމުން މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގަ ކަށަވަ...

09 Mar 2023 | 03:49

ޔޫއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ރޭ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަންުގެ ބަޔާން މިޔުނިކް ބައްދަލުކުރި މެޗުން ބަޔާން މޮޅުވެ. އެޓީމުން މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ބަޔާން އަދި ޕީއެސްޖީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން ވެސް 0-1 އިން ބަޔާން މޮޅުވިއިރު، ރޭ ބަޔާންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ވެސް އެޓީމު މޮޅުވެފައިވަނ 0-2 ގެ ނަތީޖާއިންނެވެ. މި ނަތީޖާ ތަކާއި އެކު ބަޔާންއަށް ވަނީ 0-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބިފައެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖަހަން މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕީއެސްޖީ އަށެވެ. ބަޔާންގެ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލް ކީޕަރު ޔަން ސޮމާ ކައިރިން ވެސް ނައްޓާލާފަ ހުސްކޮށް ހުރެ ވިޓީނިއާ ފޮނުވާލި ހަމަލާ ބަޔާންގެ ކުޅުންތެރިން ވަނީ ގޯލު ރޮނގުމަތިން އެ ބޯޅަ ސަލާމަތް ކޮށްފައެވެ.

ލަނޑެއް ނުޖެހި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު ނަމަވެސް ފަހު ހާފަށް ކުޅެން އަރާ ބަޔާންއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ބަޔާންއިން މެޗުގައި ލީޑުނެގި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ޗޫޕޯ މޯޓިންއެވެ. އޭނާ މި ލަނޑު ޖަހައިދިނީ ގޮރެޒްކާގެ އެހީތެރިކަމާއި އެކުގައެވެ. ބަޔާއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 89 ވަނަ މިނެޓުގައި ގިނެބްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ބަޔާން މުބާރާތުގެ ކުއާޓާ ފައިނަލް ޔަގީން ކުރިއިރު، ރޭގައި ވަނީ އިތުރު މެޗެއްވެސް ކުޅެފައެވެ. އޭސީ މިލާން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. ނަމަވެސް މިލާން ފުރަތަމަ ލެގުގެ  މެޗުން 0-1 އިން މޮޅުވެފައި ވުމުން އެގްރިގޭޓް ނަތީޖާ 0-1 އިން ކުރި ލިބިގެން ކުއާޓާފައިނަލް ޔަގީންވީ މިލާނަށެވެ.

ރޭގެ މެޗުތަކުން ބަލިވި ޕީއެސްޖީ އާއި ޓޮޓެންހަމް އަށް ވަނީ މުބާރާތް ނިމިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް