އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން ހާއްސަ ހަފްލާއެއް ބާއްވައިފި

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ރޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ.ކުނޫޒްގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓ...

09 Mar 2023 | 02:41

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ރޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ.ކުނޫޒްގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރ އާއިޝަތު ނަހުލާ އެވެ. މި ހަފްލާގައި އެކިއެކި  ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ ކަނބަލުން ބައިވެރިވެފައިވެއެވެ. އަދި މީގެތެރެއިން ބައެއް ބޭފުޅުން ވަނީ، އެފަރާތްތައް ހާއްސަވާ ދާއިރާތަކުން އަންހެނުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހަފްލާގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން، އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ނަޒްމާ ހަމީދު ވަނީ، އަންހެނުންނަށް އާންމުކޮށް ދިމާވާ އެކިއެކި ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތުދީ، މިފަދަ ކަންކަމަށް ހޭލުންތެރިކުރުވައި އަދި ޖަލްސާއަށް ވަޑައިގެންނެވި ކަނބަލުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މީގެއިތުރުން ޑައިރެކްޓަރ ނެވިގޭޝަން އެންޑް އެއާޑްރޯމްސް ފާތިމަތް ރަމީޒާވެސް މި ޖަލްސާގައި ބައިވެރިވެ، އޭވިއޭޝަން ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި، މިދާއިރާގައި ކުރެވުނު ތަޖުރިބާތައް ހިއްސާކުރައްވާފައިވެއެވެ.

ހަފްލާގެ ޝަރަފްވެރި މެހެމާން، މިނިސްޓަރު ނަހުލާ ދެއްކެވި ވާހަކަފުޅުގައި، މިއީ ސިޔާސީ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ އަންހެނުންގެ މުހިންމުކަން ހާމަކުރުމަށް ބޭއްވި ހަފްލާއެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާއި ކުރިމަތިވާކަމަށެވެ. އެހެންނަމަވެސް، ގޮތްދޫނުކުރައްވާ، ފޯރިިއާއެކު ނިކުންނަވައިފިނަމަ ކާމިޔާބުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބައެއް އަންހެން ކަނބަލުން ކަންކަމާއި ކުރިމަތިލާއިރު، އެހީވާނެ ފަރާތްތައް ވަރަށް މަދު. އަޅުގަނޑުމެން އަންހެނުން، އަންހެނުންގެ ފަހަތުުގައި ތިބެން ހިނގާ. އަޅުގަނޑުމެން އަންހެނުންގެ އަދަދު މާ ގިނަ. ކަންކަމުގައި އަޑު އުފުލަން ނުކެރި ނުހުރޭ. މީހަކު ކުރާ ކަމަކަށް ބެލުމެއް ނެތި، ކުރާ ފުރައްސާރައަކަށް ބެލުމެއްނެރި ކުރިޔަށް ހިންގަވާ" އާއިޝަތު ނަހުލާ

މިނިސްޓަރ ނަހުލާ ވަނީ، ކޮންމެ ފިކުރެއްގެ ބަޔަކުކަމުގައި ވިޔަސް އަދި ކޮންމެ އެންޖީއޯއެއްވިއަސް، ކޮންމެ މުއައްސަސާއެއްވިއަސް،  އަންހެނުން ކުރިއަރުވައި، ބާރުވެރިކުރުވުމަށް ކުރާ ކަންކަމުގައި އެއްބާރުލުންދެއްވުމަށް އެންމެހާ ކަނބަލުންގެ ކިބައިން އެދިފައެވެ.

އެކިއެކި އުމުފުރާގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި މި ހަފްލާ ނިންމާލާފައިވަނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން ތައްރާރުކުރި ކޭކު ފެޅުމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް