ރާއްޖޭގެ ޤައުމީ މައު ފިނިފެންމަލަށް ނިސްބަތްކޮށް މަސްމަހާމެހީގެ ލިސްޓުގައި މަހެއް ހިމަނައިފިއެވެ.
އަލަށް ނަންދެވެނު މި މަހަކީ ލެބްރިޑައަ ނުވަތަ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެކެވެ.
މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ އެވެ.
މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސް އެވެ.
މިގޮތަށް ނަން ދެވިފައިވަނީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލަވަރަށް ނިސްބަތް ކޮށެވެ. މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެ އާއި ސްރީލަންކާ ސަރަޙައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން (40-70 މީޓަރު) ފެންނަ މަހެއްކަން ފާހަގަ ކުރެވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މުޅިން އަލަށް ނަން ދެވުނު ކަމުގައި ވީ ނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރު ވެސް ބޭނުންކުރަމުންދާ މަހެއް ކަމަށެވެ.
މީގެ ކުރިން މި މަހަށް ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއް ކަމަށްވާ ކިރިލެބްރަސް ރަބްރިސްކުއަމިސް މަހުގެ ނަމެވެ.
ނަމަވެސް ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސްގެ "ހޯޕް ފޯ ރީފްސް އިނިޝިއަޓިވް"ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވަސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއާއި އަދި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރި ދިރާސާ ތަކުގެ އަލީގައި މި މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީންކުރެވިފައެވެ.
ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޒޫކީސް
ގައި ކްރްހިލަބްރަސް ފިނިފެންމާ އަކީ މުޅިން އައު މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ވަނީ ޝާއިއުކޮށްފައެވެ.
މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއިއެކު، ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު ވަނީ ހިމަނާފައެެވެ.
މިމަހުގެ އިތުރުން، ރާއްޖޭގެ ފުން ފަރުތަކުގައި (50-150 މީޓަރާއި ދެމެދު) އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޯޕް ފޯރ ރީފްސް އިނީޝިއެޓިވް" ގެ ދަށުން ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސް އާއި ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނަގާފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި، އެމަހެއް ތަމްސީލުކުރާފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ވަނީ ރޭވިފައި ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް