ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިޔަށްގެންދަވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ދިރާސާއަކީ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ތަޢުލީމު ފޯރުކޮށްދެއްވާ މަރުކަޒުތަކުގައި ތިއްބަވާ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް އޮޅުންފިލުވައި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު ދިރާސާއެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ދިރާސާގެ އަލީގައި ދެނެގަނެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެކަންކަން ހައްލުކުރުމަށް ހުށަހަޅާފައިވާ ކަންކަން ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ތަންފީޒު ކުރައްވާނެ ކަމުގައި އެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕުން ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާކުރައްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރަ، ވަރކްލޯޑާއި ވަރކް-ލައިފް ބެލެންސް، މުދައްރިސުންގެ ޙައްޤުތައް، މުދައްރިސުންނަށް ކުރާ ޤަދަރާއި އިޙްތިރާމް، މަސައްކަތް ކުރާތަނާއި ވަޞީލަތްތައް، ތަމްރީނާއި ތަރައްޤީ އަދި ތަޢުލީމީ ދާއިރާއަށް ކުރާ އަސަރު ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ. އެކަމަށްޓަކައި އެކުލަވައިލެވުނު 6 މެންބަރުންގެ ފަންނީ ގުރޫޕަކާ 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރެއްވީ 31 އޮކްޓޫބަރު 2021 ގައެވެ.
މި ދިރާސާ ކުރެއްވި ގްރޫޕްގައި ހިމެނެނީ:
- ޑރ. އަޙްމަދު ޢަލީމަނިކު، މއ.މާނިކަ (ޗެއަރޕަރސަން) އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާގެ މެންބަރު 2. ޑރ. ޢަލީ ނަޖީބު، ނީލް، ބ.ކުޑަރިކިލު ހިއުމަން ރިސޯސްގެ ދާއިރާގެ މެންބަރު 3. ޑރ. ޢާއިޝަތު ޝަފިނާ، ގ.މަންބަޢު ސޯޝިއޮލޮޖީގެ ދާއިރާގެ މެންބަރު 4. އަލްފާޟިލާ އާމިނަތު ޒުބައިރު، ކަޅުމަގިގެ، ސ.ހުޅުދޫ ޓްރޭނިންގެ ދާއިރާގެ މެންބަރު 5. އަލްފާޟިލް ޢަބްދުﷲ ޒަކަރިއްޔާ، އާހަނދުވަރު، ހއ.ދިއްދޫ ފައިނޭންސްގެ ދާއިރާގެ މެންބަރު 6. އަލްފާޟިލް ޢަބްދުﷲ ރަޝީދު، ދަކަދާމާގެ، ލ.މާބައިދޫ ތަޢުލީމީ ދާއިރާގެ މެންބަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް