ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ސަލީމް ފާޑު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންޖެހެއެވެ.
އެގޮތުން މަޖިލީހުގެ މެންބަރުން ތިއްބެވި ގޮތަށް ބަލައި، މި އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް މި އަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަަތަށް ސަރުކާރުން ހުރަސްއަޅާކަމަށާއި އަދި އެއީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއްކަމަށެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދުތައް ތަންފީޒު ކުރަމުންދާގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، ޚާއްސަކޮށް ބޯހިޔާވަހިކަމާއި، މަރުތަކާއި، އަތޮޅު ތެރޭގެ ތަރައްޤީގެ ކަންކަން ހިނގާގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
އަދި ހަމައެހެންމެ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ކިޔާ ފާޑުކިޔުންތައް ތަކުރާރުކުރައްވާ ސަލީމް ވަނީ ސަރުކާރުން އެކި ފަރާތްތަކާއެކު ޤާއިމްކުރާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާފައެވެ.
ރިޔާސީ ބަޔާނަށް އިދިކޮޅު ފަރާތްތަކުން ފާޑުކީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް