ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް ނިންމައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލޭ ސިޓި ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން ކުރިޔަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުގައި ކަމަށެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރީ އެ ސިޓީތަކުގެ ކައުންސިލް އިދާރާގައި އެވެ.
އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވަނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި އެވެ.
އިސީން ވަނީ މިއަދުން ފެށިގެން ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ކެމްޕެއިން ކުރުމުގެ އެންމެ ފަހު ދުވަހަކީ އިންތިހާބު ބާއްވާ ދުވަހުގެ ކުރީ ދުވަހުގެ އިރުއޮއްސި 6:00 އެވެ.
އެހެން ކަމުން އެޕްރިލް 15 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ އެންމެ ފަހު ދުވަހަކީ އެޕްރިލް 14 ވަނަ ދުވަހުގެ އިރު އޮއްސި 6:00 އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލި އިރު އަދިވެސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ އަދަދެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް