ގެސްޓްހައުސްތަކަށް އައިޓީ އަދި މުއާސަލާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫން ގެސްޓްހައުސް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. ގެސްޓްހައުސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ކަރަމް އެވެ.
އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް ވިޔަފާރިތަކަށް ފައިދާކުރާނެ ސްމާޓް ހިދުމަތްތަކެއް ފޯރުކޮށްދީ، ގެސްޓްހައުސްތަކަށް ޒިޔާރަތް ކުރާ ދަތުރުވެރިން ބޭނުންވާ ފެންވަރުގެ ކަނެކްޓިވިޓީ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ޖީއޭއެމްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް އެ ދާއިރާއަށް ހާއްސަ ހިދުމަތްތަކުން ޑިސްކައުންޓް އުރީދޫއިން ދޭނެ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން ގެސްޓްހައުސްތަކަށް އައިޓީ އަދި މުއާސަލާތީ އެހީތެރިކަން ދޭނީ އެންމެ ކުރިއަރާފައިވާ ކުންފުނިތަކާ ގުޅިގެން ކަމަށެވެ. އަދި
"ގެސްޓްހައުސް ވިޔަފާރިއަކީ މިއަދުގެ ޓޫރިޒަމް ދާއިރާގެ މުހިންމު ބަޔަކަށް ވުމާއެކު، ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރަށްވެސް މުހިންމުވެފައިވާ ދާއިރާއެއް. ސްމާޓް ހޮސްޕިޓާލިޓީ ސޮލިއުޝަންތަކުގެ ފައިދާ ފެނި، ދުނިޔޭގެ އެކިހިސާބުތަކުގައި ފުޅާގޮތެއްގައި ބޭނުންކުރަން ފެށިފައިވާއިރު، މިފަދަ ހިދުމަތްތައް ހެޔޮއަގެއްގައި ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ޖީއޭއެމް އާއި އެކު ކައިރިން މަސައްކަތްކުރާނަން." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވިއެވެ.
އުރީދޫގެ ބިޒްނަސް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ކަމާގުޅޭ ތަޖުރިބާކާރުން ގުޅުވާލަދޭ އެންޓަޕްރައިސް ސަޕޯޓް ސެންޓަރެއް ވަނީ އެކުންފުނިން ދާދި ފަހުން ތައާރަފްކޮށްފައެވެ. މި ސަޕޯޓް ސެންޓަރުން އުރީދޫ ބިޒްނަސްގެ ހިދުމަތްތައް މޮނީޓާކޮށް، 24ގަޑިއިރު ހިދުމަތްދޭ ސަޕޯޓް ހޮޓްލައިނެއް ގާއިމްކޮށް، ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވާ ވިޔަފާރިތަކަށް ބޭނުންވާ އަވަސް އެހީ ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް