ކ. މާފުށީ ކައިރީގައި އޮތް ސަފާރީއަކަށް ބަނގުރާ ހޯދަން އަރައި މާރާމާރީ ހިންގި ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އިތުރު ބަޔަކު އޭނާ އާއި އެކު އެރިކަމަށް ވެ އެވެ. އެކަމަކު އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ވަގުުތެއްގައި އެވެ.
އެ ސަފާރީގައި ހުރި މީހަކު މީޑިއާގައި ބުނެފައިވަނީ ޓޫރިސްޓުންވެސް ތިބި ސަފާރީއަށް ޒުވާނުންތަކެއް ގޮސް އަރައި، ބަނގުރާ ވިއްކަން ބުނުމުން އެކަމަށް ދެކޮޅު ހެދުމުން އެސަފާރީގެ ކެޕްޓަންގެ މޫނުގައި ޖެހި ކަމަށެވެ. މާރާމާރީ ހިންގުމުންވެސް އެމީހުންނަށް ބަނގުރާ ވިއްކާފައެއް ނުވެ އެވެ.
އެމީހުންނަކީ މާފުށިން ޑިންގީއެއްގައި ދިޔަ ބައެއް ކަމަށާއި އެމީހުން ބުނެފައިވަނީ މާފުށީ ކައިރީގައި އޮންނަ ނަމަ ބަނގުރާ ވިއްކަން ޖެހޭނެ ކަމަށް ކަމަށެވެ.
ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮންނަ ސަފާރީތަކަށް ދިވެހިން ބަނގުރާ ބޯން ދާ ވާހަކައަކީ އާންމު ވާހަކައެކެވެ.
ސަފާރީތަކުގައި ބަނގުރާ ގެންގުޅެނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ސަފާރީތަކުން ހުޅުމާލެއަށާއި މާލެއަށް ބަނގުރާ ގެންދާ ވާހަކައަކީ އިވޭ، އަދި ބައެއް ފަހަރު ފަޅާ އަރާފައިވާ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް