ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ތަހުގީގީ ރިޕޯޓު އަންނަ މަަހު އާންުމު ކުރާނަން: އޭސީސީ

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ރިޕޯޓު ތަހުގީގު ނިންމުމަށް ފަހު އަންނަ މަހު އާންމު ކުރާނެ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން ...

09 Mar 2017 | 08:15

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ރިޕޯޓު ތަހުގީގު ނިންމުމަށް ފަހު އަންނަ މަހު އާންމު ކުރާނެ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓް އާއްމުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ރިޕޯޓު ލަސްވަނީ އެ މައްސަލައިގެ ބާވަތުން ކަމަށެވެ. މައްސަލައަކީ މިހާތަނަށް އޭސީސީންވެސް ތަހުގީގު ކުރި އެންމެ ބޮޑު މައްސަލަ ކަމަށްވާތީ ލަސްވަނީ ކަމަށެވެ.

އޭނާ ވިދާޅުވީ ތަހުގީގު ނިމި މިހާރު ކުރަމުން އަންނަނީ، ފަހުގެ މަސައްކަތްތައް ކަމަށާއި އަންނަ މަހު ނެރޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް އޭސީސީން ވަނީ ނުވަ މީހުންގެ ހާއްސަ ޓީމެއް އެކުލަވާލައިފަ އެވެ.

އޭސީސީން ކުރިން ބުނެފައިވަނީ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

އެ މައްސަލަ އޭސީސީން ތަހުގީގު ކުރާތާ މިހާރު ދޮޅު އަހަރުވެއްޖެ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އެކަނިވެސް އެ ކޮމިޝަނަށް 855 މައްސަލަ ހުށަހެޅުނެވެ. އެކަމަކު އޭގެ ތެރެއިން ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވާފައިވަނީ 14 މައްސަލަ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް