ގައުމީ ދިދައަށް ވުރެ މައްޗަށް އެއްވެސް ދިދައެއް ނުނެގޭނެ ކަމަށް ކަނޑައަޅައިފި

ރާއްޖޭގެ އެއްވެސް ރަށެއްގައި ގައުމީ ދިވެހި ދިދައަށްވުރެ މައްޗަށް އެއްވެސް ދިދައެއް ނުނެގޭނެ ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅައިފި އެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ދިވެހި ގައުމީ ދިދަ ބޭނުން ކުރު...

09 Mar 2017 | 06:23

ރާއްޖޭގެ އެއްވެސް ރަށެއްގައި ގައުމީ ދިވެހި ދިދައަށްވުރެ މައްޗަށް އެއްވެސް ދިދައެއް ނުނެގޭނެ ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ބެހޭ އުސޫލުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ގައުމީ ދިދައަށްވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނަގައިގެންނުވާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސަރުކާރުން ކަނޑައަޅާފައިވާ ތަންތަނުގެ އިތުރުން އެހެން ތަނެއްގައި ގައުމީ ދިދަ ނެގޭނީ ހުއްދައެއް ހޯދައިގެން ކަމަށެވެ.

މިހާރު ބައެއް ރަށްރަށުގައި ވަރަށް އުސްކޮށް ސިޔާސީ ޕާޓީތަކުގެ ދިދަ ނަގާފައި ހުރެ އެވެ. ހާއްސަކޮށް އިންތިހާބު ތަކާއި ދިމާކޮށް އުސްކޮށް ސިޔާސީ ޕާޓީތަކުގެ ދިދަ ނަގައެވެ. މި އުސޫލަށް އަމަލު ކުރަން ފެށުމުން އެ ދިދަތަށް ތިރި ކުރަން ޖަހޭނެ އެވެ.

ގައުމީ ދިދަ ނަގަން ޖެހެނީ ދައުލަތުގެ މުއައްސާސަތާއި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކުގައި އެވެ. ހުއްދަ ނުހޯދާ ދިވެހި ދިދަ ބޭނުން ކުރެވެނީ އާންމުކޮށް ބާއްވާ އެއްވުންތަކުގައި އާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގައި ދިވެހި އުޅަނދެއްކަން ދައްކައި ދިނުމުގެ ގޮތުންނެވެ. އަދި އާންމުކޮށް ބާއްވާ ގައުމީ ހަފްލާތަކުގައިވެސް ގައުމީ ދިދަ ބޭނުން ކުރުން ހުއްދަ އެވެ.

މި އުސޫލުގެ ދަށުން ރައިސް އޮފިހާއި ރިޔާސީ ގަނޑުވަރާއި  ނައިބު ރައީސްގެ ގެކޮޅާއި، ސުޕްރީމް ކޯޓާއި، އެމްއެންޑީއެފާއި ފުލުހުންގެ އިދާރާގެ އިތުރުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކުގައި 24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ހުންނަން ޖެހެ އެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާފައި ވަނީ މިއަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް