"އަބުރުގެ ފަންޑު" ގެ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވަނީ

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންނައި ކޯޓުތަކުން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ޖޫރިމަނާ ކުރަމުން ދާތީ އެ ފައިސާ ދެއްކުމަށް "އަބުރު ފަންޑު" ގެ ނަމުގައި ފަންޑު...

09 Mar 2017 | 05:21

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންނައި ކޯޓުތަކުން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ޖޫރިމަނާ ކުރަމުން ދާތީ އެ ފައިސާ ދެއްކުމަށް "އަބުރު ފަންޑު" ގެ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވަން އެ ސްޓޭޝަނުން ނިންމައިފި އެވެ.

މި ފަންޑު ފޮށި ހުޅުވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

މީހެއްގެ އަބުރަށް އުނިކަން ލިބޭގޮތަށް ހަބަރެއް ގެނެސްދީފައިވާ ކަމަށް ބުނީ މި ހަފްތާގައި ރާއްޖެ ޓީވީ ވަނީ 200،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ހަބަރު ލިޔުނު އެ ތަނުގެ ނޫސްވެރިޔާ 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ. ފުލުުހުންގެ ދައުރަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކަނޑައަޅައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު 28،500  ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ކެމެރާ މަނަކު 3،000 ރުފިޔާއިން ކްރިމިނަލް ކޯޓުން ވަނީ ޖޫރިމަނާކޮށްފައި އެވެ.

އެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެހެން މައްސަލަތަކެއްގައިވެސް އެ ޓީވީ ޖޫރިމަނާ ކުރަން އުޅޭކަން އިތުބާރު ހުރި ގޮތަކަށް އެ ސްޓޭޝަނަށް އެނގިފައިވާ ކަމަށެވެ. އެހެންވެ މި ފަންޑު ފޮށި ހުޅުވީ ރާއްޖެ ޓީވީ  އާއި ނޫސްވެރިން ކުރާ ޖޫރިމަނާތައް ދެއްކުމަށް ފައިސާ އެއްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަންޑުފޮށި ބަހައްޓާ ތަނެއް އަދި ހާމައެއް ނުކުރެ އެވެ.

ފިޔާޒު ވިދާޅުވީ ތަފާތު އެކި މައްސަލަތަކުގައި ރާއްޖެ ޓީވީ އާއި އެ ސްޓޭޝަންގެ ނޫސްވެރިން ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރަނީ އެ ސްޓޭޝަންގެ ހިންގުން ހުއްޓުވާލުމަށް ދުރާލާ ރާވައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް