މިއަދުގެ މަޖިލީހުގެ ޖަލްސާވެސް މެދުކަނޑާލައިފި

އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ހުރަސް އެޅުންތަކާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް  ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ. މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފެށުމާއިއެކު،...

09 Mar 2015 | 05:16

އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ހުރަސް އެޅުންތަކާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް  ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފެށުމާއިއެކު، އެމްޑީޕީ ބައެއް މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތު ކައިރިއަށް ގޮސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލަން ފައްޓަވާފައި އެވެ. އަދި ސިޔާސީ އެހެން ބޭފުޅުން މިނިވަންކުރުމަށް ގޮވާލާ އެމްޑީޕީގެ މެންބަރުން ވަނީ އަޑުއުފުލައްވާފައިވެއެވެ.

އެމްޑީޕީން އަޑުގަދަކޮށް ކަށިގަނޑު ފުމެ ހަދަން ފެށުމުން ޕީޕީއެމްގެ މަޖިލީސް މެންބަރުންވެސް ވަނީ ދުންމާރި އާއި ކަށިގަނޑު ފުމެ މަޖިލީސް ތެރޭ އަޑުގަދަ ކޮށްފައި އެވެ. މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ދެ ޖަލްސާ ވެސް މެދުކަނޑާލަން ޖެހުނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޖަލްސާ ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދައި، ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަ ކުރަން ފެށުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއިއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ލައިވް ފީޑް ވަނީ ކަނޑާލާފައެވެ. މަޖިލީހުން ވަނީ ޖަލްސާގެ އެޖެންޑާގައި ނުހިމެނޭ ކަމެއް މަޖިލީސް ތެރޭ ހިނގާނަމަ މަޖިލީހުގެ ލައިވް ފީޑު ކަނޑާލަން މިދިޔަ ހަފްތާގައި ނިންމާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލާފައިވާއިރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް