އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ނިންމައިފި އެވެ.
އެ ޕާޓީން ދާދި ދެންމެއަކު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބުކޮށްދިނުމަށްޓަކައި އަދާލަތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ސަރުކާރު އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާތީއާއި ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަގޮތުގައި ބޭނުންކޮށް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނިކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާ، ބާރުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާތީ، ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް ނިންމީ ކަމަށެވެ.
މިގޮތަށް ނިންމީ މިރޭ ބޭއްވުނު އެޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށާއި މިފިޔަވަޅު އަޅަންޖެހުނީ ކަންކަން އިސްލާހު ކުރުމަށްޓަކައި ރަސްމީގޮތުންނާއި ނުރަސްމީގޮތުން ކުރެވުނު މަޝްވަރާތަކާއި މަސައްކަތް ފެއިލްވެ، ސަރުކާރުގެ ތެރެއިން އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން ކަށަވަރު ވުމުން ކަމަށްވެސް އޭޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި މުސްތަހިއްލުކަމާއެކު ހިދުމަތްކުރުން މަތީ އޭޕީން ދެމި އޮންނާނެކަމުގެ ޔަގީންކަން ޕާޓީގެ ލޮބުވެތި މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް