ބޭންކް އޮފް މޯލްޑިވްސް އިން ގްރީން ރިސޯޓް ފައިނޭންސިންގ ހިދުމަތް ތައާރަފްކޮށްފި

ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "ގްރީން ރިސޯޓް ފައިނޭންސިންގ" ތައާ...

09 Feb 2025 | 18:09

ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "ގްރީން ރިސޯޓް ފައިނޭންސިންގ" ތައާރަފްކޮށްފިއެވެ.

މިއަދު ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފްއާއެކު މި ހިދުމަތް ތައާރަފްކޮށްދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފްއެވެ.

ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނަރޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެއެވެ.

ގްރީން ރިސޯޓް ފައިނޭންސިންގެ ތަފްސީލް:

  • 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީ
  • 65% އިންޓްރެސްޓް ރޭޓް
  • ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ބަހައްޓާ އަހަމިޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ޝަރީފް ވިދާޅުވީ "ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެން މި ތިބީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިންގ ހިދުމަތްތަކާއި އަދި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ތައްޔާރަށް. ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންގ އެއް ހޯދައިދިނުމަށް."

ބޭންކުގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކަސްޓަމަރަކަށް ހާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުއްވައި މައުލޫމާތު ސާފު ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް