ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަސައްކަތް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ތ.ކިނބިދޫއަށް ނިސްބަތްވާ އާއިޝަތު ވަސީލާ ވަނީ ރަށުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގައި ތިބެގެން ގްރޭޑް 12 އާއި ހަމަޔަށްވެސް ކިޔެވޭގޮތްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކިނބިދޫގައި އެ ފުރުޞަތު މިހާރު ނެތް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލެވިގެންދާއިރު، އެއްގަމުން ދަތުރުފަތުރު ކުރެވޭނެގޮތްތައް ފަހިވެ ތަޢުލީމު ޙާޞިލް ކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޔުނިވަރސިޓީއެއް ޤާއިމްވެގެން ދިއުމަކީ މުހިންމުކަމެއް ކަމަށާއި އެކަން ކުރުމުގެ ވިސްނުން ހުރިތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ކޯޒްވޭއަކުން 2 ރަށް ގުޅުވާލެވި އެއްފަސްވުމުން އާބާދި އިތުރުވެގެން ދާނެކަމަށެވެ. އަދި ޔުނިވަރސިޓީ ޤާއިމުކުރުމާއިއެކު ތަޢުލީމުގެ ފުރުޞަތުތައް އިތުރުވެ އެހެން ރަށްރަށުގެ މީހުންވެސް ޒިޔާރަތްކުރަނެ ކަމަށާއި، އޭގެ ސަބަބުން މުޅި މައްސަލައަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް