ދޮންއަދަރާދަ ހިނގުމުގެ މަތިން ޕެޑްވޭ ބްރިޖެއް އަޅަނީ

ދޮންއަދަރާދަ ހިނގުމުގެ މަތިން ޕެޑްވޭ ބްރިޖެއް އެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯއިން ބުނީ ބްރިޖު އަޅަން ނިންމާފައިވަނީ އެ ކުންފުނީގެ ބޭނުމަށް ބަންދުކުރި ދޮނ...

09 Feb 2024 | 10:33

ދޮންއަދަރާދަ ހިނގުމުގެ މަތިން ޕެޑްވޭ ބްރިޖެއް އެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނީ ބްރިޖު އަޅަން ނިންމާފައިވަނީ އެ ކުންފުނީގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ މަގު އަޅުން ހުޅުވާލުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން އެމަގު ބަންދުކޮށްފައިވަނީ ސްޓެލްކޯއަށް ބިމުގެ ދަތިކަން އޮތުމުންނެވެ.

ސްޓެލްކޯއިން ބުނީ ޕެޑްވޭ އަޅަން ނިންމާފައިވަނީ ދޮންއަދަރާދަ މަގު ހުޅުވާލުމުން އެ މަގުގެ ދެފަރާތުގައި އޮންނަ ސްޓެލްކޯގެ ދެ ކޮމްޕައުންޓް ގުޅުވާލުމަށް ކަމަށެވެ. ސްޓެލްކޯއިން ބުނީ ދޮންއަދަރާދަ މަގުގައި ގާ އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި މިހާރު ކުރަމުން އަންނަނީ ޕެޑްވޭގެ މަސައްކަތް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މީގެ ކުރިން ވިދާޅުވެފައިވަނީ ރޯދައިގެ ކުރިން ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަގު ހުޅުވުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަގީގީ މާނައިގައި ލިބެމުންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ދޮންއަދަރާދަ މަގާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނާޒިރު މީގެ ކުރިން ވިދާޅުވެފައިވަނީ ކޮންމެހެން ބަންދު ކުރަން ޖެހިގެން އޭރު އެ މަގު ބަންދު ކުރި ނަމަވެސް، މިހާރު އެ ރިކުއަރމަންޓް ނެތިގޮސްފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރުން ފެށިގެންވެސް މި މަގު ހުޅުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެއްވި ކަމަށެވެ. އެގޮތުން މި މަގު ހުޅުވިގެން ދިއުމަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށް ނާޒިރު ވިދާޅުވިއެވެ.

މާލޭގައި ކަރަންޓަށް އޮންނަ ބޮޑު ޑީމާންޑަށް ކޭޓާކުރުމަށްޓަކައި އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވުމުން އެކަމަށްޓަކައި ހައްލެއް ހޯދުމަށް ސްޓެލްކޯގެ ކޮމްޕައުންޓާއި އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެ މަގަށް ވާގޮތަށް އިންޖީނުގެއެއް އެޅީ 2010 ވަނަ އަހަރުއެވެ.

ސްޓެލްކޯގެ ހުޅުމާލެ އިންޖީނުގެއާއި މާލެ އިންޖީނުގޭގެ އިންޓަކަނެކްޝަން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓުކުރަން ފެށުމާއެކު މާލޭގެ ދޮންއަދަރާދަ މަގަށްވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރު ސެޓުތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. އެ ޖަނަރޭޓަރުތައް މިހާރު ވަނީ ގްރޭޓާ މާލޭގެ ބެކަޕުގެ ގޮތުގައި ހުޅުމާލެ ބައު އިންޖީނުގެއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް