ސްރީލަންކާގެ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ވޯލް އޮފް ފޭމްގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ހިމެނިވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް، ސްރީލަންކާގައި ހުންނަ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ވޯލް އޮފް ފޭމްގައި ހިމެނިވަޑައިގެންފިއެވެ. މި ޝަރ...

09 Feb 2024 | 06:50

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް، ސްރީލަންކާގައި ހުންނަ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ވޯލް އޮފް ފޭމްގައި ހިމެނިވަޑައިގެންފިއެވެ. މި ޝަރަފު ޗީފް އޮފް ޑިފެންސް ފޯސްއަށް އަރުވާފައިވަނީ އިއްޔެ ސްރީލަންކާގެ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވަނީ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ފަޚުރުވެރި ވޯލް އޮފް ފޭމްގައި ބަހައްޓާ ޗީފް އޮފް ޑިފެންސް ފޯސްގެ ޕޯޓްރެއިޓް އިފްތިތާހުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ލަސާންތާ ރޮޑްރިގޯ ވަނީ އެ ކޮލެޖުގެ ލެގަސީއަށް އިތުރު ފުރިހަމަކަން ގެނުވަދީފައިވާ ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ ލީޑަރޝިޕު ފާހަގަކުރައްވާ، އެކަމަށް ޝުކުރުދަންނަވާފައެވެ. އަދި މި ވާހަކަފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ތަރައްޤީކުރުމަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތާ، އެކަމުގައި އަދާކުރައްވާފައިވާ މުހިއްމު ދައުރުވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ވޯލް އޮފް ފޭމްއަށް އިންޑަކްޓް ވުމަށްފަހު، އެ ކޮލެޖުގެ ސްޓޫޑަންޓް އޮފިސަރުންނާ މުޚާތަބުކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ކޮލެޖުގައި ހޭދަކުރައްވާފައިވާ ދުވަސްތަކުގެ ހަނދާތައް އައުކުރައްވާ، އެ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ޒަރީޢާއިން އެމަނިކުފާނުގެ އަސްކަރީ ޙަޔާތަށް ގެނުވި ހެޔޮ ބަދަލާ މެދު ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޑީއެސްސީއެސްސީ ގައި ހޭދަކުރެއްވި ދުވަސްތަކުގެ ތަޖުރިބާތައް ހިއްސާކުރައްވާ، މި ދުވަސްތަކުން ލިބިލެއްވި އަގުހުރި ފިލާވަޅުތަކާއި، އަސްކަރީ ޙަޔާތް ބައްޓަންކުރުމުގައި އެ މުއައްސަސާ އަދާކޮށްދިން މުހިއްމު ދައުރު ފާހަގަކުރެއްވިއެވެ. އަދި، މި ވާހަކަފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ މަސައްކަތަށް އަހައްމިއްޔަތުކަން ދިނުމާއި، އުނގެނުމުގައި ދެމިހުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައެވެ. ހަމައެއާއެކު، ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ސާބިތުވެ ހުރުމަށް ނަސޭހަތްތެރިވެލައްވާ، ތަޢުލީމު ހާސިލުކުރުމާއި، ލީޑަރޝިޕް ތަރައްޤީކުރުމުން ލިބިދޭ ހެޔޮ ބަދަލު ފާހަގަކުރެއްވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ސްރީލަންކާގައި ހުންނަ ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ތަޢުލީމު ހާސިލްކުރައްވާފައިވަނީ 12 ޖަނަވަރީ 2009 އިން 12 ޖަނަވަރީ 2010 އަށެވެ. ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އަގުހުރި ޚިދުމަތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، މީހަރު ހުންނެވި ޗީފް އޮފް ޑިފެންސްގެ މަޤާމުގެ އިތުރުން، ވަނީ ގިނަ ކޮމާންޑް އެންޑް ސްޓާފްގެ އެޕޮއިންޓްމަންޓް ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް