މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އެބަ އޮތް ކަމަށް ރ. ރަސްމާދޫ ކައުންސިލުން ބުނެފިއެވެ.
ރަސްމާދޫ ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ އެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ރަސްމާދޫގައި ނުހިންގާ ވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި، މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް ކައުންސިލުން ފާހަގަ ކުރެއްވި އެވެ.
ރަސްމާދޫ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަ ކުރައްވަމުން ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަ ކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަން ހިއްސާ ކުރައްވާފަ އެވެ.
އަދި ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށް ގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައި ދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްެރަށުގެ އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް